ޑީއާރުޕީއަށް ކުއްޔަށް ދޫކޮށްފައިވާ އިމާރާތެއް މުއްދަތު ހަމަ ވުމަށްފަހު ވެސް ހުސްކޮށް ވެރިފަރާތާ ހަވާލު ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޑީއާރުޕީގެ އޮފީހެއް ހިންގުމަށް 2007 ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ގ. ކްރެބްޓްރީގެ އެއް ވަނަ ފަންގިފިލާ، ހުރި އިމާރާތުގެ ވެރި ފަރާތް، އަލީ އަހްމަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން މިއަދު ބުނީ އިމާރާތް ކުއްުޔަށް ދިން މުއްދަތު ހަމަވުމަށްފަހު އެތަނުގައި ހުރި ސާމާނު ހުސްކޮށް އެ ފަރާތާތާ ތަން ހަވާލުކޮށްފައިނުވާ ކަމަށެވެ.

އޭނާ ބުނީ ޑީއާރުޕީ އަށް އޭނާގެ ގެއިން އެއް ފަންގިފިލާ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަ ވުމުން އެ އިމާރާތުގައި ހުރި ޗާޕް މެޝިތަންތަކާއި ގިނަ އޮފީސް ސާމާނުތައް ނެރުމަށް ތަކުރާރުކޮން ބުނި ނަމަވެސް އެކަން ކޮށްދީފައިނުވާ ކަމަށެވެ. އަދި އެ އިމާރާތް ދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް މުއްދަތު ހަމަ ވުމަށްފަހު އެތަން ހުސްކޮށް ވެރިފަރާތާއި ހަވާލުނުކުރާ ނަމަ ދައްކަން ޖެހޭ 30،000ރ. ދައްކަމުން ނުދާ ކަމަށް އަލީ ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ތަކެތި ހުސްކުރުމަށް ފަހު ހަވާލުކުރަން ޖެހޭ ތަނަށް ނޫސްވެރިން މިއަދު ދިޔައިރު ޑީއާރުޕީގެ އެކި ބޯޑުތަކާއި ޗާޕްމެޝިން މެޝިތަކާއި އަދި ގިނަ އޮފީސް ސާމާނުތަކެއް އަދިވެސް އެ އިމާރާތުގައި އެބަހުއްޓެވެ. އެތަނުގައި ހުރެ ނޫސްވެރިނަށް މައުލޫމާތު ދެމުން ބުނީ އަލީ ބުނީ އެތަކެތި ހުސްކޮށް ދިނުމަށް އެކި ފަހަރުގެ މަތީން ޑީއާރުޕީއަށް އެންގުމަށް ފަހު ހުސްނުކުރުމުން ފުލުހުނަށް ވެސް އެ އިމާރާތް ހުސްކޮށްދިނުމަށް ވެސް އަންގަފާއިވާ ކަމަށެވެ. އަދި އެކަމުގައި ކޯޓަށް ދިއުމަށް ފުލުހުން ބުނި ކަމަށާއި ކޯޓަށް ދިއުމުން ކޯޓުން ބުނަނީ ޗިޓަށް ޑީއާރުޕީ ކޯޓަށް ހާސިރުނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ޑީއާރުޕީ އޮފީހަށް ގޮސް އާދޭސް ދެންނެވިން އެ އިމާރާތް ހުސްކޮށްދެއްވާށޭ. އޭރުންނޭ އަޅުގަނޑަށް އެތަން ކުއްޔަށް ދެވެން އަންނަނީ ވެސް. އެކި ފަހަރުގެ މަތިން ސިޓީ ލިޔުނިން. ލިޔެގެން ވެސް ޖަވާބެއް ނުލިބުމުން ދެން އަޅުގަނޑުދިޔައީ ޕޮލިހަށް. ދެން ކޯޓުން ނިންމާލީ އެ ބޭފުޅުން ހާޒިރުނުވާތީ އެއީ ޑީއާރުޕީގެ އެއްޗެހި ކަމެއް އެނގޭނެ ގޮތެއް ނެތް ކަމަށް،" އަލީ ބުންޏެވެ.

މަހަކު 30،000.ރ ކުއްޔަށްދެމުންދާ 2،000 އަކަފޫޓްގެ އެ ފަންގިފިލާ މުދާ އެއް ކޮޓަރިއެއްގައި މުދާތައް ހުރުމުގެ ސަބަބުން މިހާތަނަށް ހަތަރު ލައްކަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައިގައި ޑީއާރުޕީގެ ފަރާތުން ވާހަކަ ދެއްކެވި އަލީ ސޯލިހް ވިދާޅުވީ ޑީއާރުޕީގެ މީޑިޔާ އޮފީސް ހިންގުމަށް ކުއްޔަށް ނެގި އެ ފަންގިފިލާ ދޫކުރި މުއްދަތު ހަމަ ވުމުގެ ކުރިން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ދިރިއުޅުވުމަށް ޓަކައި އެ އިމާރާތް ބޭނުން ކުރަން ދިނުމަށް އެދުމުން ދޫކޮށްލި ކަމަށެވެ. އަދި މިހާރު ވެސް އެ އިމާރާތުގައި ހުރި ތަކެތި ޑީއާރުޕީން ގެންދަންދެން އެ އިމާރާތުގެ ވަކި ކޮޓަރިއެއްގައި ބެހެއްޓުމަށް އަނގަބަހުން ރިޒާ އެއްބަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އެ ވާހަކަތައް އެ ދައްކަނީ ސިޔާސީ މަގުސަދެއްގައި ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

"އެ އިމާރާތުގެ ކޮންޓްރެކްޓްގެ މުއްދަތުގެ ހަމަވުމުގެ ކުރީގައި މެންބަރު ރިޒާ ދިރިއުޅުއްވާނެ ތަނެއް ނެތިގެން ޑީއާރުޕީގައި އެދުނީ އެތަން ދިރިއުޅުމަށް ދިނުމަށް. އޭރު އެތަނުގައި ހުރި މުދާ ވެސް ގެންދަން ދެން ބަހައްޓަން އެއްބަސްވީ. ނަމަވެެސް އެ ބޭފުޅާ މިހާރު ޕީޕީއެމްއަށް ވަޑައިގެންނެވީމަ އެ ވާހަކަތައް އެހެން މަގުސަދެއްގައި ދައްކަމުން އެ ދަނީ،" އަލީ ވިދާޅުވި އެވެ.