14 Aug 2013, 16:16
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ކަސްބީ އަންހެނުންތަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ލީކްކޮށްލާފައިވާ ވީޑިއޯގެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އަލްހާން ފަހުމީ މާދަމާ ރޭ 8:30 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ޗިޓް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އަލްހާންގެ އިތުރުން އަލްހާންގެ ކޮއްކޮ އަޒުބާން ފަހުމީ ވެސް މާދަމާ ރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވައިފަ އެވެ. ނަމަވެސް އެކަން ފުލުހުން ޔަގީނެއްް ނުކޮށްދެ އެވެ.
އަލްހާން މިއަދު ސަން އަށް ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ ކޮރަޕްޝަނާއި ބިރުދެއްކުމާއި ބްލެކް މެއިލް ކުރުމުގެ މައްސަލައަކާ ގުޅިގެން ބަޔާނެއް ނެގުމަށް ކަމަށް ފުލުހުންގެ އިދާރާ އިން އޭނާ އަށް ފޮނުވާފައިވާ ޗިޓްގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ފުލުހުންގެ ޑެޕިއުޓީ ހެޑް އޮފް ސްޕެޝަލް ކްރައިމް މުހައްމަދު ރިޔާޒު އޭނާ އަށް މެސެޖެއް ފޮނުވާފައިވާ ކަމަށާއި އެ މެސެޖުގެ ސަަބަބުން ހަގީގަތުގައި އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ އަލީ ހަމީދުގެ ވީޑިއޯއެއްގެ މައްސަލާގައި ބްލެކް މެއިލް ކުރި ކަމަށް ތުހުމަތުކޮށް ކަން ޔަގީން ކުރެވޭ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
"ޗިޓްގައި އިންނަނީ ކޮރަޕްޝަނާއި ބިރު ދެއްކުމާއި ބްލެކްމެއިލް ކުރި މައްސަލާގައި ބަޔާނެއް ނަގަންށޭ. އެކަމަކު ރިޔާޒު ފޮނުވާފައިވާ މެސެޖާ ގުޅިގެން އަޅުގަނޑަށް ޔަގީން ކުރެވޭ އަޅުގަނޑު ހާޒިރުކުރަނީ އަލީ ހަމީދުގެ ވީޑިއޯއެއް ބްލެކް މެއިލް ކުރި ކަމަށް ތުހުމަތުކޮށް ކަން،" އަލްހާން ވިދާޅުވި އެވެ.
މުހައްމަދު ރިޔާޒު އަލްޙާންގެ ފޯނަށް މިއަދު ފޮނުއްވި ކަމަށް ބުނާ މެސެޖު އަލްހާން ވަނީ ޓުވީޓްކުރައްވައިފަ އެވެ.
— Alhan Fahmy (@FahmyAlhan)August 14, 2013
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެއްވެސް އޮފިޝަލެއްގެ ފަރާތުން އަލްހާނަށް އެފަދަ އެއްވެސް މެސެޖެއްް ފޮނުވާފައިނުވާ ކަމަށެވެ.
އެހެން މީސްމީހުންގެ ނަންބަރު ބޭނުންކޮށްގެން މެސެޖް ކުރުމަކީ މިހާރު އާއްމު ކަމެކެވެ. އެގޮތަށް މެސެޖް ކުރުމަށް އެެޕްލިކޭޝަނެއް ބޭނުން ކުރުމުން އެހެން މީހުންގެ ނަމްބަރުގައި އެކިއެކި ފަރާތްތަކަށް މެސެޖް ފޮނުވެ އެވެ.
އަލްހާން ވިދާޅުވީ އޭނާގެ އިތުރުން އޭނާގެ ކޮއްކޮ އަޒުބާން ފަހުމީ ވެސް މާދަމާ ރޭ 8:30ގައި ފުލުހުންގެ އިދާރާ އަަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާ ވެސް ހާޒިރު ކުރަނީ ކޮރަޕްޝަނާއި ބިރުދެއްކުމާއި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ބަޔާން ނެގުމަށް ކަމަށް އަލްހާން ވިދާޅުވި އެވެ.
ނަމަވެސް އެކަން އަދި ފުލުހުން ޔަގީންކޮށްދީފައެއް ނުވެ އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ބަރަހާނާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ވިއްކަން އުޅެނިކޮށް ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓް އެޑްވައިޒަރު އަހުމަދު ފާއިޒް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން އެމައްސަލާގައި އެ ވީޑިއޯ ނަގައިގެން ނާޖާއިޒު ފައިދާ ހޯދަން އުޅޭކަމުގެ ތުހުމަތުގައި ވިޔަފާރިވެރިޔާ މުހައްމަދު ސައީދު (ގޯލްޑަންލޭން ސައީދު) ވަނީ ދެ ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ ގާނޫނުން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފަ އެވެ.