ހެންވޭރު ދަނޑުގައި ކުރިއަށްދާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ކުއާޓާ ފައިނަލުން ހަ ޓީމެއް ޖާގަ ކަށަވަރު ކޮށްފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ބާކީ ތިން މެޗު ކުޅެން އޮތްއިރު، ކުއާޓާގެ ފަހު ދެޖާގަ ހޯދާ ދެޓީމެއް އެނގޭނީ، ގްރޫޕް ޑީ ގެ ފަހު މެޗުގައި މިރޭ ހެންވޭރު ތަރިއާއި އޭދަފުށީ އަންހެނުންގެ ރޫހު ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ގްރޫޕް ޑީ ގެ އެއް ވަނައިގައި ހަ ޕޮއިންޓް 94 ލަނޑު 11 ފޯއްޔާއެކު މިވަގުތު އޮތީ މުޑި ޖަމިއްޔާ އެވެ. ދެ ވަނައިގައި ހަ ޕޮއިންޓް 56 ލަނޑު 11 ފޯއްޔާއެކު އޭދަފުށީ އަންހެނުންގެ ރޫހު އޮތް އިރު، ތިން ވަނައިގައި ތިން ޕޮއިންޓް 42 ލަނޑު 18 ފޯއްޔާއެކު އޮތް ހެންވޭރު ތަރިއަށްވެސް މިރޭގެ މެޗުން މޮޅުވެވިއްޖެ ނަމަ ކުއާޓާއަށް ދިއުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.

ކުއާޓާއިން ޖާގަ ކަށަވަރު ކޮށްފައިވާ ޓީމުތަކަށް ބާލާއިރު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމެވެ. ނުވަ ޕޮއިންންޓާއެކު ގްރޫޕްގެ ދެވަނަ ހޯދީ ގުލްޒާރު އެވެ.

ގްރޫޕް ބީ ގެ އެއްވަނަ މަގާމް ކުޅުނު ހުރިހާ މެޗު ކާމިޔާބު ކޮށްގެން 12 ޕޮއިންޓާއެކު ހޯދާފައި ވަނީ ކާމިނީ ސްޕޯޓްސް އެވެ. ނުވަ ޕޮއިންޓާއެކު އެ ގްރޫޕްގެ ދެވަނަ ހޯދީ ހުޅުމާލޭ ވިމަންސް ސްޕޯޓްސް އެވެ.

ގްރޫޕް ސީ އިން ކުރާޓާ ފައިނަލް ކަށަވަރު ކޮށްފައި ވަނީ، މައްޗަންގޯޅީ ވިދުވަރާއި ގޮއިދޫ ޔޫތު ސޮސައިޓީ އެވެ. އެހެން ނަމަވެސް އެގްރޫޕުން އެއްވަނަ ޓީމެއް އެނގޭނީ މިއަދު ހަވީރު ވިދުވަރާއި މައްޗަންގޯޅީ އަރާތަރި ބައްދަލު ކުރާ މެޗުގެ ނަތީޖާއަށް ފަހު އެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ ނުވަތަ ބަށި ރާނީއަށް ހޮވޭ ފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން ޗެންނާއީއަށް ދެކޮޅު ޓިކެޓް ހުށަހަޅާފައިވާއިރު މިއަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އެވެ. އަދި ރަނަރަޕް ޓީމަށް 50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަޕްލޭ ޓީމަށް 10،000ރ. ވަނީ ހުށަހަޅާފަ އެވެ.

ފިތުރު އީދާގުޅުވައިގެން އެސްޓީއޯއިން ކުރިއަށް ގެންދާ ބަށިމުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަށް ފަށާނީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00ގަ އެވެ.