14 Aug 2013, 15:32
ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރަން ޖެހޭ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އާއި ނައިބް ރައީސް އައްޔަން ކުރުން އަންނަ އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި ފާތުމަތު ރީނީ އަބްދުއްސައްތާރް އެ ކޮމިޝަނަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ އިއްޔެ ޖަލްސާގައި ނިންމުމަށް ފަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ސީއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން ސީއެސްސީގެ ރައީސްއާއި ނައިބް ރައީސް އައްޔަން ކުރުން އަންނަ އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
"ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް އައްޔަން ކުރަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން. އެހެން ކަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނައިބް ރައީސް އައްޔަން ކުރުމުގެ މައްސަލަ މި މަހުގެ 20 ވަނަ ދުވަސް އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފިން،" އިއްޔެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
ސީއެސްސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ ށ.ގައި ބުނެފައި ވަނީ ކޮމިޝަންގެ ރައީސް ނައިބް ރައީސް އައްޔަން ކުރާނީ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް ކަމުގެ މަގާމަށް ހުށަހެޅި ތާއިދު ލިބޭ ފަރާތްތަކުގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ފަހުމީގެ ބަދަލުގައި ރީނީ އަބްދުއް ސައްތާރު އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސް ކޮށްފަ އެވެ. އިއްޔެ ޖަލްސާގައި ރީނީ ސީއެސްސީ އަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 51 މެންބަރުންނެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ.