ހެންވޭރު ގެއެއްގެ ފުރަތަމަ ބުރީގެ ބެލްކަނިން ވެއްޓި އަށް އަހަރުގެ ކުޑަ ކުއްޖަކު ޒަހަމްވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެކުއްޖާ ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރު އެކެއް ޖަހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ކުއްޖާއަށް މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ ކުއްޖާގެ ވެއްޓުނީ އަނގަވަތަށް ކަމަށެވެ. އަދި އެ ކުއްޖާގެ އަނގަމައްޗާއި ނޭފަތްމަތި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ހެންވޭރު ސަހަރާ ކައިރީގައި ހުންނަ ހ.ފްރީވިންޑް ގޭގެ ބެލްކަނިން އެ ކުއްޖާ ވެއްޓުނީ ބެލްކަނީގައި ބަހައްޓާފައި ހުރި ކުޑަ މަސްޓޭންކެއްގެ ކައިރީގައި އެކަނި ހުއްޓާ ކަމަށް އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ.

އެކުއްޖާ ވެއްޓުނު ކަމަށް ބުނާ ގެގޭ ކައިރިއަށް ސަންގެ ނޫސްވެރިން ދިޔައިރު އެ ކުއްޖާ ވެއްޓި ޒަހަމްވުމުގެ ސަަބަބުން އެގޭ މަގުމަތީގައި ލޭ އުނގުޅިފައި ހުރި ތަން ވަނީ ފެންޖަހައިގެން ދޮވެފަ އެވެ.

ރެއިލިން ނުޖަހާ ހުންނަ އެގޭ ފުރަތަމަ ބުރީގެ ބެލްކަންޏަށް ވަރަށް ގިނައިން އެ ކުޑަކުއްޖާ ނުކުމެ އުޅޭތީ އެކަމާ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މީގެ ކުރިން ވެސް ކަންބޮޑުވެ އެ ވާހަކަދައްކާ ކަމަށް އެ ސަރަހައްދުގައި ހުރި ދުވަސްވީ އަންހެނަކު ސަންއަށް ކިޔައިދިނެވެ.