14 Aug 2013, 14:41
ބޭންކް އޮފް މޯލްޑިވްސް އިން އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުޅާކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގައި އިތުރު 12 އޭޓީއެމް ބަހައްޓައިފި އެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން ހަތަރު އަތޮޅެއްގެ ފަސް ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ.
އެ ބޭންކުން ބުނީ މާލޭގައި ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހުޅުމާލޭގައި ކުރިން ހުރި އޭޓީއެމް ބަދަލުކޮށް އެންމެ ޒަމާނީ އޭޓީއެމްއެއް ބަހައްޓައި މިދިޔަ މަހު ހުޅުވި މަޖީދީމަގު އައު އިމާރާތުގައި ތިން އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ. އަދި އިތުރު އޭޓީއެމްތައް މާލޭގައި ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ ހދ. ކުޅުދުއްފުށީގައި ކުރިން ހުރި އޭޓީއެމްތައް ބަދަލުކޮށް މުޅިން އައު އޭޓީއެމްއެއްގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އަދި އެ ރަށުގައި އިތުރު އޭޓިއެމްތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫގައި ވެސް ވަނީ އިތުރު އޭޓީއެމްއެއް ބަހައްޓާފައިވާ ކަމަށެވެ. އަދި އާބާދީ ބޮޑު ރަށްރަށުގައި ދޭވޭ ހިދުމަތްތަކުގެ ފެންވަރު ރަގަނޅު ކުރުމުގެ ކުރުމުގެ ގޮތުން ގދ.ތިނަދޫ ގައި ދެ އޭޓީއެމް އަދި ފުވަމުލަކުގައި ދެ އޭޓީއެމް ވަނީ ބަހައްޓާފައިވާ ކަމަށް އެ ބީއެމްއެލް އިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ސ. ހިތަދޫގައި ދެ އޭޓީއެމް އަދި ގަމުގައި ވެސް މުޅިން އާ އޭޓީއެމްއެއްގެ ހިދުމަތް ފަށާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.