14 Nov 2010, 05:26
އަންގް ސަން ސޫޗީ ގޭ ބަންދުން މިނިވަންކުރުމަށް ބަރުމާ ސަރުކާރުން ނިންމަވައި އިއްޔެ އޭނާ ދޫކޮށްލެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރްޙަބާ ވިދާޅުވެއްޖެ އެވެ.
އެ ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ނިންމެވުމަކީ، ބަރުމާގައި މިނިވަންކަމާއި ޑިމޮކްރަސީގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ކުރިއަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށް ސިފަކުރައްވައިފަ އެވެ.
އަންގް ސަން ސޫޗީއަކީ ބަރުމާ އަށާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް އުންމީދީ، އަލިގަދަ ދަންމަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް އެ ޚަބަރުގައި ވިދާޅުވެފައިވެ އެވެ. އަދި ވަރުބަލިފުޅުވުމެއް މެދުކެނޑުމެއްނެތި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ ޙިމާޔަތްކުރެއްވުމަށް އަން ސަން ސޫޗީ ކުރެއްވި ބުރަ މަސައްކަތުން ހިތްވަރު ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ދުނިޔޭގެ އެހެން ބޭފުޅުން ވެސް ކުރިއަށްވަޑައިގެންފައިވާކަން އެ ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އަންގް ސަން ސޫޗީއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށާއި ބަރުމާގެ ސިޔާސީ މައިދާނުގައި މުހިންމު އިސް ދައުރެއް އަދާކުރެއްވުމުގެ ޤާބިލުކަން ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.