14 Aug 2013, 14:14
ލ. މާވަށު ރައްޔިތުންނަށް ސަރުކާރުން ދިން ކަޅުހަންތަކެއް، ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް އެ ރަށުގެ މީހުންނަށް ދޫކުރި މައްސަލައެއްގައި އެ ރަށުގެ ކުރީގެ ކުޑަ ކަތީބެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ކަޅުހަންތަކުގެ މައްސަލާގައި އޭސީސީ އިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ އެ ރަށުގެ ކުރީގެ ކުޑަކަތީބު، އަބުދުލްޣަފޫރު އިސްމާއިލްގެ މައްޗަށެވެ.
އޭސީސީ އިން ބުނީ 2008 ވަނަ އަހަރު މާވަށުގައި މީހުން ދިރިއުޅޭ ގޭގެއާ ހަވާލު ކުރަން ސަރުކާރުން 454 ކަޅުހަން ދީފައިވާ ކަމަށެވެ.
އޭސީސީ އިން ކޮށްފައިވާ ތަހުގީގަށް ފަހު ބުނެފައި ވަނީ ހަންތައް ހޯދުމުގައި ސަރުކާރަށް އޮޅުވާލަފައިވާ ކަމަށާއި ހަންތައް ދޫކުރުމުގައި ބައެއް ފަރާތްތަކަށް ފަސް ހަމާއި 10 ހަމާ ދެމެދުގެ އަދަދަކަށް ހަން ދޫކޮށްފައިވާ ކަމަށެވެ. އަދި ހަންތައް ދޫކޮށް ނިމުނު އިރު، ހަން ނުލިބޭ ގިނަ އަދަދެއްގެ ގޭގެ ހުރި ކަމަށް ވެސް އޭސީސީ އިން ބުނެފައިވެ އެވެ.
މާވަށު ރައްޔިތުންނަށް ބޭނުންވާ ރައްކާތެރި ބޯފެން ލިބިދިނުމުގެ މަޝްރޫއުގެ ދަށުން ކޮންމެ ގެއަކަށް ފެން ރައްކާކުރާ 2500 ލީޓަރުގެ ކަޅުހަން ހޯދަން ވެގެން ސަރުކާރަށް ހުށަހެޅުމަށް ލިސްޓެއް ތައްޔާރުކޮށް އެ ލިސްޓްގައިވާ ގެތެކަށް ހަންތައް ބެހުމަށް 2008 ވަނަ އަހަރު މާވަށަށް ކަޅުހަންތައް ގެންގޮސްފައިވާ ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ.
ކަޅުހަން ބެހުމަށް ހަމަޖެހިފައި އޮތީ ކަޅުހަން ހަވާލު ކުރާތާ 30 ދުވަހުގެ ތެރޭގައި ކަޅުހަން ބޭނުން ކުރެވޭ ގޮތަށް ހުރި ކޮންމެ ގެއަކަށް އެއް ހަން ދޭގޮތަށް ކަމަށާއި އަދި ހަންތައް ދޫކުރަމުން ދިޔައީ މާވަށު އޮފީހުންދޭ ސްލިޕް ހިފައިގެން ދިއުމުން ބަނދަރު ސަރަހައްދުންނެވެ. އޭސީސީ އިން ބުނީ ކަޅުހަން ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް، އޮފީހުން ސްލިޕްދޫކުރުމާ ހަވާލުވެ ހުރީ މާވަށު އޭރުގެ ކުޑަކަތީބު އަބުދުލް ޣަފޫރު އިސްމާއިލް ކަމަށެވެ. އަދި ހުސްކޮށް ހުރި ގޯތި ގޯއްޗަށް ކަޅުހަން ލިބޭ ގޮތަށް ސްލިޕް ދޫކުރަމުން ގޮސްފައިވާކަން ކަޅުހަން ބަލައިދިޔަ ބައެއް ފަރާތްތަކުގެ ބަހުންނާއި ކަޅުހަން ބެހުމުގައި އުޅުނު މީހުންގެ ބަހުން އެނގެން އޮތުމުން އެކަންކޮށްފައި ވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ އެއް ހޯދައިދޭން ކަމަށް ބެލެވޭތީ ދައުވާ ކޮށްދިނުމަށް އެދުނީ ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ.