އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންގުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މާދަމާ އިންޑިއާ އަށް ފުރާވަޑައިގަންނަވާނެ ކަމަށް އެ ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޔާމީންގެ ރަސްމީ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ (ޓީވީމުއާ) ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިންޑިއާގެ ބޮޑު ވަޒީރުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ޕީޕީއެމްގެ ރައީސް މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގައި އިތުރަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

"މީގެ ކުރިން ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވަނީ އިންޑިއާގެ ޕްރައިމް މިނިސްޓަރާ ބައްދަލު ކުރައްވާފައި. އެ ބައްދަލުވުމުގެ ހުލާސާގެ ތެރެއިން މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމާ އިތުރަށް މަޝްވަރާ ކުރެއްވުމުގެ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އިސްނެންގެވުމުގެ މަތިން ކުރައްވާ ދަތުރުފުޅެއް މިއީ،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދަތުރުފުޅުގައި ޔާމީންގެ އަރިހުގައި ޕީޕީއެމްގެ އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވާ ބޭފުޅުން މާދަމާ އިންޑިއާ އަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސް ވެސް ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އަމިއްލަ ދަތުރު ފުޅެއްގައި އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވާ އެ ގައުމުގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި ފޮރިން މިނިސްޓަރު ސަލްމާން ހޫރުޝީދާ ބައްދަލުކުރައްވާފަ އެވެ.