14 Aug 2013, 13:57
މާލެއަތޮޅު އުތުރު ތިލަފަޅުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބަނދަރު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެފަޅުގައި ހިއްކާފައިވާ ކުޑަ ފިނޮޅެއްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ މިއަދު ފެއްޓި ޕްރޮޖެކްޓްއަކީ ސިފައިންގެ ހަޔާތުގައި ހިންގާ ވަރަށް ހާއްސަ މެގަ ޕުރޮޖެކްޓެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ދަށުން އެފަޅުގައި ކޯސްޓްގާޑް ބަނދަރުކުރެވޭނެ އިންތިޒާމާއި އެ އުޅަންދުތައް މަރާމާތުކުރެވޭނެ އިންތިޒާމްގެ އިތުރުން ސިފައިންގެ ވަރުގަދަ ވެއާހައުސްއަކާއި މެގަ އޮއިލް ރިޒާވެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ޓޫރިސްޓް ރިސޯޓް އަކާއި ސިފައިންގެ އާއިލާތަކަށް އެކޮމަޑޭޝަން އާއި ރެސިޑެންޓް އޭރިއާއަކާއި ސިފައިންގެ ޓުރެއިނިން ވެސް އެތަނަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ ޕްރޮޖެކްޓް ހިންގަނީ ސަރުކާރުގެ ހަރަދުގައި ނޫން ކަމަށާއި އެ ޕުރޮޖެކްޓް ހިންގަނީ ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އިން ތަނބުރުދޫ ބަޔަކަށް ދީގެން ލިބޭ ފައިސާ އިން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމް ވިދާޅުވީ މިހާރު ކޯސްޓްގާޑްތައް ބަހައްޓަނީ ބޮއެތަކުގައި އަޅައިގެން ކަމަށާއި އަދި ކޯސްޓްގާޑްތަކުގައި މަސައްކަތްކުރަނީ ވަރަށް ހާލުގައި ކަމަށެވެ. އަދި އިއްޔެ ވެސް ކޯސްޓްގާޑެއް މަރާމާތަށް ޓަކައި ލަންކާ އަށް ފުރާފައިވާ ކަމަށާއި އެ ދަތުރަށް ހަމައެކަނި ތެޔޮހަރަދަށް ވެސް ބައިލައްކަ ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި އެ ބަނދަރު ހެދުމާ އެކު އެ ހުރިހާކަމެއް ފަސޭހަވެ ހަރަދު ކުޑަވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގެ ކޮމާންޑަރު އަދި ސިވެކްގެ ޗެއާމަން ކާނަލް އަލީ ޒުހައިރު އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދު ފެށި ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ހެކްޓަރުގެ ބިމެއް ހިއްކައި ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދައި 30 މީޓަރު ފުޅާ ނެރެއް ހަދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްއޮތް 40 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ސިވެކްގެ ހަރަދުގައި ހިންގާ އެ ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ މަސައްކަތް ކުރަނީ ސީޕީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ޕްރޮޖެކްޓްއަށް ފަސް މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެމްއެންޑިއެފްއިން ބުނެ އެވެ.