ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސް މުހައްމަދު ފަހުމީ ހަސަންއާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ މީޑިއާ ސެކްޓްރީ މަސްއޫދު އިމާދު ވިދާޅުވީ ރައީސް އޮފީހަކީ ހަގީގަތުގައި ފަހުމީގެ މައްސަލާގައި ގޮތެއް ނިންމަން ޖެހޭ ފަރާތް ނޫން ކަމަށެވެ. އެ މައްސަލާގައި ގޮތެއް ނިންމަން ޖެހޭނީ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ފަހުމީގެ ބަދަލުގައި ފާތުމަތު ރީނީ އަބްދުއްސައްތާރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާތީ ރައީސުލްޖުލްހޫރީއްޔާ މާދަމާ ފަހުމީއާ މެދު ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ފަހުމީގެ މައްސަލަ އަކީ ރައީސް އޮފީހާ ގުޅުން ހުރި މައްސަލައެއް ނޫން. ފަހުމީގެ މައްސަލާގައި ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ނުވަތަ ރައްޔިތުންގެ މަޖިލީހުން. އަޅުގަނޑުމެންނަށް ތިޔަ ކަމުގައި އޮތީ ތިން ޗޮއިސްއެއް. އެއް ޗޮއިސް އަކީ ބަންޑާރަނައިބު މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުން. އެނެއް ގޮތަކީ ރައްޔިތުންގެ މަޖިލީހުން ނިންމެވި ގޮތަށް ރީނީ އަށް މަގާމު ހަވާލުކޮށްފައި ފަހުމީ އަށް އެންގުން ރައްޔިތުންގެ މަޖިލީހުން ވަނީ މިހެން އަންގާފައޭ، އެހެން ވީމާ ފަހުމީ މަގާމުން ވަކިވީ އޭ. އަނެއް ގޮތަކީ އަޅުގަނޑުމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބުން،" މަސްއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަހުމީގެ ބަދަލުގައި ރީނީ ސީއެސްސީ އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާކަން މިހާރު މަޖިލީހުން ރައީސް އޮފީހަށް އަންގާފައިވާ ކަމަށެވެ.

ފަހުމީގެ މައްސަލާގައި މީޑިއާތަކާއި ގިނަ ބަޔަކު ސުވާލު އުފައްދަވަމުން ގެންދާތީ މަސްއޫދު ވިދާޅުވީ ފަހުމީގެ މައްސަލާގައި މިހާރު ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ވެއްޖެ ކަމަށެވެ. އަދި މީޑިއާތަކުން އެކަމުގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދަން ޖެހޭ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ބަންޑާރަނައިބު ޢައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ފަހުމީގެ މައްސަލާގައި އެއްވެސް އެއްޗެއް ވިދާޅުވާނީ ދައުލަތަށް ދޭން ޖެހޭ ގާނޫނީ ލަފާ ދެއްވުމަށް ފަހުގައި ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިން އާޒިމާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ވެސް ފަހުމީ އަށް ސީއެސްސީގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށާއި އަދި ފަހުމީ އަށް އަލުން އަނބުރާ މަގާމް ދޭން ޖެހޭނެ ކަމަކަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ބުނެފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޕީޕީއެމްގެ ބައެއް މެންބަރުން ރީނީ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވާތީ މަސްއޫދު ވަނީ ސުވާލު އުފައްދައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ފަހުމީގެ މައްސަލާގައި ކުރިން ޕީޕީއެމް އިން ފަހުމީއާ އެއްކޮޅަށް ވަކާލު ކުރެއްވުމަށް ފަހު އިއްޔެގެ މަޖިލީހުގެ ތަޅުމުގައި ރީނީ އަށް ރުހުން ދިނުމުން ފަހުމީގެ މައްސަލާގައި ޕީޕީއެމް އިން ދެކޭގޮތް މިހާރު ސާފުނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ޕީޕީއެމް އިން ވޯޓް ދެއްވި ގޮތާ ބެހޭ ގޮތުން ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ މެންބަރު މޫސާ ޒަމީރު ވިދާޅުވީ ޕީޕީއެމް އިއްޔެ ވޯޓް ދެއްވީ ފަހުމީއާ ދެކޮޅަށް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަކުން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަކަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ރީނީ ސީއެސްސީގެ މެންބަރަކު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ޕީޕީއެމް އިން ވޯޓް ދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲއާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއި ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖްތާޒާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދާއި އިސްދޫ ދާއިރާގެ މެންބަރު އަހަމަދު ރަޝީދާއި، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއާއި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރާއި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން އާއި އަދި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ.

ސިވިލް ސާވިސް ގާނޫނުގެ 13 ވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިިލްސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ.