14 Aug 2013, 13:26
މުއްސަނދި ގިނަ މީހުންނަކީ އެހާ ފަސޭހައިން ހިތުގައި ޖެހޭ ބަޔަކަށް ނުވެދާނެ އެވެ. ނަމަވެސް ރާއްޖޭގެ އެންމެ މުއްސަނދި އެކަކު ކަމަށް ގިނަ ބަޔަކު ދެކޭ އދ. މާމިނގިލީ ގާސިމް އިބްރާހީމަކީ ތަފާތު ބޭފުޅެކެވެ.
ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބާއްވާ ދެ ވަނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހީމަކީ ރިޔާސީ ބައެއް އެހެން ކެންޑިޑޭޓުންނާ ހިލާފަށް ގިނަ ބަޔަކަށް އޭނާގެ ޒާތީ ދިރިއުޅުން އެނގޭ ބޭފުޅެކެވެ. އެހާ ބޮޑަށް ފޮރުވިފައި ގެއެއްގެ ތެރޭގައި ހުންނަވާ ބޭފުޅެއް ނޫން ވީމަ އެވެ.
ނަމަވެސް އެމްބީސީގެ ޓީވީ މޯލްޑިވްސް އިން ގެނެސްދޭ "ރިޔާސީ ކެންޑިޑޭޓް" ޕްރޮގްރާމްގައި ގާސިމްގެ އާއިލާގެ ބޭފުޅުންނާއި އެކުވެރިން ކިޔައިދިން ވާހަކަތަކާއި އެ ޕްރޮގްރާމްގެ ތެރޭގައި ގާސިމްގެ ފަރާތްޕުޅުން ފެނުނު ކަންތައްތަކުން އާ ކަމެއް ހާމަވި އެވެ.
އެގޮތުން ގާސިމަކީ ވަރަށް ފަސޭހައިން އަސަރުކުރާ "އިމޯޝަނަލް" ބޭފުޅެއްކަން އެޕްރޮގްރާމުން އެނގުނެވެ.
"ވަރަށް އަވަހަށް ކަންތައްތަކާ ދެރަވާ މީހެއްކަން އަޅުގަނޑަށް އިނގެނީ" ގާސިމްގެ ކިރުމައިގެ ދަރިއެއް ބުނެފައިވެ އެވެ.
އޭނާ ބުނީ އޭނާގެ ކޮއްކޮއަކަށް ލިބުނު ބޮޑު އަނިޔާއަކަށް ބޭސް ކުރުމަށް ގާސިމްގެ ގޭގައި ހުރި ބައިސްކަލަކާއި އަލަމާރިއެއް ވިއްކާލައިގެން ބޭސްފަރުވާ ކުރަން ގާސިމް ވިދާޅުވި ކަމަށެވެ.
"ބުނީ ތިމަންނާގެ ގޭގައި ހުންނާނެޔޭ ބައިސްކަލަކާއި އަލަމާތިއަކާ، ވިއްކާލާފައި ވެސް އޭނާ އަށް ބޭސްކުރާށޭ،" އޭނާ އަސަރާ އެކު ބުންޏެވެ.
އެހެން މީހަކު ބުނީ އޭނާ ދޯންޏެއްގެ ދަށުވެގެން ލިބުނު އަނިޔާއަކަށް ބޭސްކޮށްދެއްވި އިރު ގާސިމްގެ މުސާރައަކީ އެންމެ 70 ރުފިޔާ ކަމަށެވެ.
ކުޑައިރުގެ ދިރިއުޅުއްވުމުގެ ވާހަކަތައް، ތިމާގެފުޅު ބޭފުޅުންނާއި ރަށްޓެހިން ކިޔައި ދެއްވި ވަގުތުތަކުގައި ގާސިމް އިންނެވީ ވަރަށް އަސަރުކޮށް ކޮށްފައި ކަން މޫނުފުޅު މަތިން ފެނުނެވެ.
ގާސިމަށް ލިބިވަޑައިގެންނެވި ތަނަވަސްކަމުގައި ރަށާއި އާއިލާގެ އިތުރުން މުޅި ރާއްޖެ އަށް އެހީތެރި ވެދެއްވުމުގެ އެންމެ މުހިއްމު ސަބަބަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ. މަހުޖަނަކަށް ވެވަޑައި ނުގަންނަވާ އިރު ވެސް ބޭސްފަރުވާ ފަދަ ކަންކަމަށް ހަރަދު ކުރެއްވިކަން ރީޔާސީ ކެންޑިޑޭޓް ޕްރޮގްރާމްގައި ވާހަކަ ދެއްކި މީހެއްގެ ވާހަކައިން އެނގުނެވެ.
ފުދުންތެރިކަން ނެތް މީހުންނަށް އެހީތެރި ވެދިނުމަށް އުފެއްދެވި ވިލާ ފައުންޑޭޝަނަކީ މީހުންނަށް އެހީތެރި ވެވަޑައިގަންނަވަން ގާސިމް ބޭނުންފުޅުވާ ކަމުގެ ރަމްޒެކެވެ.
އެހެން ނަމަވެސް ގާސިމް ވިދާޅުވީ އެހީތެރި ވެދެއްވުމުގެ އާދައަކީ ބައްޕަގެ ފަރާތުން ވާރުތަވީ ކަމެއް ކަމަށް ވެދާނެ ކަމަށެވެ.
"ދެން އެކަން އަޅުގަނޑަށް އެންމެ ބޮޑަށް އަށަގެންފައި މިހިރީ އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ބައްޕަގެ ފަރާތުން ހެން،" ޕްރޮގްރާމްގައި ގާސިމް ވިދާޅުވެފައިވެ އެވެ.
ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމުން ބަލި މީހުންގެ އިހުސާސްތައް އެނގި ވަޑައިގަތުމަކީ ވެސް ފަސޭހައިން އަސަރުކުރާ ބޭފުޅަކަށް ގާސިމް ވެވަޑައިގެންނެވި ސަބަބެއް ކަން ވާހަފުޅުން ދޭހަވެ އެވެ.
ގާސިމަކީ ފަސޭހައިން އަސަރުކުރާ ބޭފުޅަކަށް ވުމަކީ ރިޔާސީ އިންތިހާބުގައި ގާސިމާ ވާދަކުރައްވާ ބޭފުޅުންނަށް ލިބޭ ކާމިޔާބަކަށް ވެދާނެ އެވެ. ނުވަތަ އެއީ އެފަރާތްތަކަށް އޮތް ގޮންޖެހުމަކަށް ވެސް ވެދާނެ އެވެ.
ކޮންމެ ގޮތެއް ވިޔަސް ގާސިމަކީ ފަސޭހައިން އަސަރުކުރާ ބޭފުޅެކެވެ.