އިންޑިއާގެ މުމްބާއީގެ ޑޮކްޔާޑެއްގައި މަރާމާތުކުރަމުންދަނިކޮށް އެއްޗެއް ގޮވުމުގެ ސަބަބުން އަޑިއަށް ދިޔަ އެގައުމުގެ ކަނޑުގެ ސިފައިންގެ "އައިއެންއެސް ސިންދުރަކްޝަކް" ސަބްމެރީންގައި ތިބި 18 ފަޅުވެރިންގެ ތެރެއިން ބައެއް މީހުން މަރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ ވިދާޅުވެއްޖެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އޭކޭ އެންތަނީ ވިދާޅުވީ ސަބްމެރީން ގޮވި ހާދިސާގައި ފަޅުވެރިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ ދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

މީގެ ކުރިން އިންޑިއާ އިން ބުނެފައި ވަނީ މިހާދިސާގައި ސަބްމެރީން އަޑިއަށްދިޔަ އިރު، އެތެރޭގައި ތިބި 18 ފަޅުވެރިކަން ސަބްމެރީންގައި ތާށިވެފައިވާ ކަމަށެވެ.

އައިއެންއެސް ސިންދުރަކްޝަކް ގޮވާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން ކަށަވަރު މައުލޫމާތެއް ލިބިފައިނުވި މަވެސް، އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލެއް ބުނީ މިހާދިސާއަކީ ސަބްމެރީންގެ އިކުއިޕްމަންޓް މަސައްކަތްނުކުރުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

ސަބްމެރީން ގޮވުމަށްފަހު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ރޭ އިންޑިއާގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ހަަކާތްތެރިވެފައިވާ އިރު އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައި ވަނީ ހަތަރު ގަޑިއިރަށް ފަހުގައި ކަމަށް ވެ އެވެ.

ސަބްމެރީންގައި "ފަޅުވެރިންތަކެއް ފުރާނަ ގެއްލިފައިވާ" ކަމަށް ޑިފެންސް މިނިސްޓާ އޭކޭ އެންތަނީ ވިދާޅުވި ނަމަވެސް މިކަމާ ގުޅޭ ތަފްސީލުތަކެއް އިންޑިއާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެންމެ ފަހުން އިންޑިއާގެ ޑިފެންސް މިނިސްޓްރީއިން ބުނީ 18 ފަޅުވެރިއަކު ސަބްމެރީންގައި ތާށިވެފައިވާ ކަމަށާއި އެމީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.