އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭންކުރަން ހިލޭ ބިން ދޫކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލް މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ރިޔާސީ ހަތަރު ކެންޑިޑޭޓުންނަށް ބިން ދޫކުރަން ނިންމާފައި ވަނީ އެކަމަށް އެދި ހުށަހެޅުމުން ކަމަށެވެ.

"މިހާރު ވެސް ޕާޓީއަކުން ބިން ހޯދަން އެދިފައިވޭ. އަޅުގަނޑުމެން މިގެންދަނީ އެ ފަރާތްތަކާ މަޝްވަރާކުރަމުން. މިވަގުތު އެކަމަށް އެދިފައި ވަނީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން. އެހެން ޕާޓީތަކުން އެހާ ބޮޑަށް އެކަމާ ނޫޅޭ،" އޭނާ ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް މިވަގުތު މާލެއިން ދޫކުރެވެން އޮތް ހުރިހާ ހުސް ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

"މިއީ ކެންޑިޑޭޓުންނަށް ބިންތައް އެންމެ މުހިންމު ވަގުތު. އެ ބޭފުޅުން އެކަމަށް އެދުނީމާ އަޅުގަނޑުމެން މިތިބީ ބިން ދޫކުރަން ތައްޔާރަށް. ބައެއް ފަރާތްތަކުން މިހާރު ވެސް ބިންތައް ނަގާފައި އެބަ ހުރި. އެކަމަކު އެއީ އަޅުގަނޑުމެންނަށް އެނގިގެނެއް ނޫން އެތިބީ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭންކުރުމުގެ ގޮތުން ރައީސް މުހައްމަދު ވަހީދުގެ ގައުމައިގެން ކުރިޔަށް ކޯލިޝަންއަށް ހައުސިން މިނިސްޓްރީން ވަނީ ކާނިވާ ސަރަހައްދު ދޫކޮށްފަ އެވެ. އަދި އުސް ފަސްގަނޑު ސަރަހައްދު އެމްޑީޕީން ދަނީ ބޭނުންކުރަމުންނެވެ.