ހދ. އަތޮޅުގެ ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.

ކުޅުދުއްފުށީ ކޯޓުން މިއަދު އެފަދަ އަމުރެއް ނެރެފައި ވަނީ ހދ. އަތޮޅު ކައުންސިލް އިދާރާ އިން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ހދ. އަތޮޅުގޭގެ ތަޅުދަނޑި ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށާއި އެތަން ހުޅުވައި ބަންދުކުރުމުގެ ކަންތައްތައް ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކުޅުދުއްފުށީ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އަތޮޅުގޭގައި ހުރި އެއްޗެއް އެއްވެސް ފަރާތަކުން އެއިމާރާތުން ބޭރަށް ނުގެންދިޔުމަށް ވެސް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ކުޅުދުއްފުށީގައި މެރިޓައިމް އެކަޑަމީއެއް ހިންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ހދ. އަތޮޅުގެ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާ ހާވާލުކޮށްފައި ވަނިކޮށް މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ވަނީ އެތަން ހަވާލުކުރުމަށް ވެވުނު އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެއްބަސްވުން ބާތިލް ކުރުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަތޮޅުގޭގައި ހުރި އެ ކުންފުނީގެ ތަކެތި ގެންދިޔުމަށްފަހު އެތަން ހދ. އަތޮޅު ކައުންސިލާއި ހަވާލުކުރުމަށް އަންގާފަ އެވެ. ނަމަވެސް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން އެ އެންގުމަށް އަމަލުކޮށްފައެއް ނުވެ އެވެ.