14 Aug 2013, 12:54
ސާޅީސް ހަތް މީހުންނާ އެކު މާލެ އިން ފުރައިގެން ށ. ފޯކައިދު އަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް ބަރަވެލި ކަނޑުން ދުއްވާފައި ދަނިކޮށް ރާޅެއްގައި ޖެހި މައްޔާ ބިނދި ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ރޭ ދަންވަރު 12 ޖަހާ އެހާކަންހާއިރު ހިނގި ހާދިސާގެ މައުލޫމާތު އެ ފަރާތަށް ލިބުމާ ގުޅިގެން އެ ހާދިސާގައި މައްޔާ ބިންދައިގެން ދިޔަ "ރަސްރީތި" ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ކުޑަ ކުދިންނާއި އަންހެނުންނާ ވެސް ތިބި ކަމަށެވެ.
ޖުމްލަ 47 މީހުން ގޮވައިގެން ދަތުރު ކުރި އެބޯޓުގައި ތިބި އެއްވެސް މީހަކަށް އެ ހާދިސާގައި ގެއްލުމެއް ވެފައިނުވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ރާޅެއް ޖަހައި ރަސްރީތި ބޯޓްގެ މައްޔާ ބިންދައިގެން ގޮސް ބާގަނޑެއް ހެދުމުގެ ސަބަބުން އެބޯޓް ދިޔަވެފައިވީ ނަމަވެސް، ބޯޓްގައި ހުރި ޕަންޕް ބޭނުންކޮށްގެން ދިޔަގަނޑު ކޮންޓްރޯލްކޮށް ސަލާމަތްތެރިކަމާ އެކު ޅ. ފެލިވަރުގެ ބަނދަރަށް ވައްދާފައިވާ ކަމަށެވެ. އަދި އެ ބޯޓްގެ މައްޔާގެ މެދުން ބިންދައިގެން ދިއުމުގެ ސަބަބުން އެދިމާލުގެ ދެފަރާތުގައި ހުރި މަޑޫވެސް ބިންދައިގެން ގޮސް ހަތަރު އިންޗިހާ ތަން މައްޔާ ދުރުވެ ބާގަނޑެއް ހެދުނު ކަމަށެވެ. އަދި ނޮދަންއޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން ބޯޓްގައި ހެދިފައިވާ ބާގަނޑު ބައްދާލެވިފައި ވަނީ ފަތިހު 05:30 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.