ނ. ވެލިދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

ފުލުހުން ބުނީ ވެލިދޫ ދިރޭރަހަ ކިޔާ ގޭގައި އަލިފާން ރޯވެފައިވާ ކަމަށް ރޭ 02:45ގައި ފުލުހުންނަށް މައުލޫމާތު ލިބުމާ އެކު ވެލިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެސަރަހައްދަށް ގޮސް ވެލިދޫ ރައްޔިތުންނާ ގުޅިގެން ރޯވެފައިވާ އަލިފާން ނިއްވާލުމަށް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައި ވަނީ ރޭ 03:30 ހާއިރު ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ދިރޭރަހަ ގޭގައި ޓިނާއި ލަނކުޑި ބޭނުންކޮށްގެން ހަދާފައި ހުރި ތަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާގައި އެ ގޯތީގައި މިހާރު އިމާރާތްކޮށްފައި ހުރި ބައިގެ ބަދިގޭގައި ވެސް އަލިފާން ރޯވެފައިވާ އިރު ބަދިގޭއާއި ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުތައް ބޭނުންނުކުރެވޭ ވަރަށް އަނދައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ވެލިދޫ ކައުންސިލްގެ ނައިބް އަހުމަދު ސައީދު ވިދާޅުވީ އަލިފާން ރޯވި ގެއަކީ މީހުން ދިރިއުޅޭ ގެއެއްގައި ކަމަށާއި ރޯވެފައި ވަނީ އެގޭގެ ކައްކާބައިގައި ކަމަށެވެ.

"ދުންއަރާ ތަން ފެނިގެން ރަށު ތެރޭގައި މީހުން އަލިފާނޯއޭ ގޮވަމުން ގެންދިޔައީ. އެގޭގައި ރޯވި އަލިފާންގަނޑު ރައްޔިތުން ފެންބާލިދީއާއި ފެންހޮޅި ފަދަ އެއްޗެހި ބޭނުންކޮށްގެން ކޮންޓްރޯލް ކުރިފަހުން ފުލުހުން އައީ. ގާތްގަނޑަކަށް 3:30 އެހާކަންހާ އިރު މުޅި އަލިފާންގަނޑު އެއްކޮށް ނިއްވާލީ ފުލުހުންނާ ވެސް ގުޅިގެން ރައްޔިތުން ކުރި މަސައްކަތުން. އެ ހާދިސާގައި އަލިފާން ނިއްވާލުމަށް ކުޑަތަންކޮޅެއް ލަސްވި ނަމަވެސް ޖެހިގެން ހުރި ތިން ގެއެއްްގައި ވެސް ރޯވީސް،" ސައީދު ވިދާޅުވި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް އެ ރަށު ވަރަަށް ރީއްޗަށް ހަދާފައި ހުރި ގެއެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. އަދި އެ ގޭގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި އެ ރަށު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.