ސަރުކާރުގެ މައިޖަލު ހުންނަ މާފުށީ މެޖިސްޓްރޭޓް ކޯޓާއި ކްރިމިނަލް ކޯޓް ވީޑިއޯ ކޮންފަރެންސް ނިޒާމަކުން ގުޅައިލުމުގެ އެއްބަސް ވުމެއްގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިރާގާއެކު އެއްބަސް ވެއްޖެ އެވެ.


ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ދެ ކޯޓް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅައިލުމަށް އެއްބަސްވެ ސޮއިކުރި އެގްރިމެންޓްގެ ދަށުން މާފުށިން ކްރިމިނަލް ކޯޓަށް ގެންނަން ޖެހޭ މީހުން ގެނައުމުގައި މިހާރު ދިމާވެފައިވާ ބޮޑު ދައްޗަށް ހައްލު ލިބިގެންދާނެ ކަމަށެވެ.


ވީޑިއޯ ކޮންފަރެންސުން ގުޅައިލުމު ޕްރޮޖެކްޓްގައި ދިރާގާއެކު ސޮއިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.


ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އިބްރާހީމް އަހްމަދު މަނިކު ވިދާޅުވީ، ދެ ކޯޓު ވީޑީއޯ ކޮންފަރެންސުން ގުޅައިލުމުގެ މަސައްކަތަކީ މި އަހަރުގެ ތެރޭގައި އެ ޑިޕާޓްމަންޓުން ކުރަން ހަމަޖައްސާފައިވާ މަސައްކަތުގެ ތެރޭން މިހާތަނަށް ނުކުރެވި ލަސްކުރެވިފައިވާ މަސައްކަތެއް ކަމަށެވެ.


އޭނާ އަދި ވިދާޅުވީ މި ދެކޯޓު ވީޑިއޯ ކޮންފަރެންސްން ގުޅައިލުމުގެ މަސައްކަތާއެކު މިއަހަރު އެ ޑިޕާޓްމަންޓުން ހާސިލު ކުރަން ބޭނުންވާ ނަތީޖާ ހާސިލު ކުރެވުނީ ކަމަށެވެ.