އައްޑޫ ސިޓީގެ ފޭދޫގައި އެމްޑީޕީ އާއި ޖުމްހޫރީ ކޯލިޝަންގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 8:30 އެހާކަންހާއިރު ޖުމްހޫރީ ކޯލިޝަނުން ފޭދޫގައި ބޭއްވި ޖަލްސާއެއްގައި ހަމަނުޖެހުން ހިނގައިގެން އުޅޭ ކަމަށް މައުލޫމާތު ލިބުމާ ގުޅިގެން އެތަނުގެ ސަލާމަތީކަންކަން ފުލުހުން ބަލަހައްޓާފައިވާނެ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އެމްޑީޕީގެ އައްޑޫ ސިޓީގެ ރައީސް އަހްމަދު އަދުހަމް ވިދާޅުވީ އެމްޑީޕީ އަކީ ހުޅުޖަހާ ޕާޓީއެއް ކަމަށް ބުނެ ރީނދޫ ކުލައިގެ ފޮތިގަނޑުތައް ދަމައި ޖުމްހޫރީ ކޯލިޝަނުން އެ ޕާޓީއާ ދެކޮޅަށް އެންޓި ކެމްޕޭން ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަހަލަކަންތައްތަކާ ހެދި ދެބައި މީހުންގެ މެދުގައި ޚިޔާލުތަފާތުވެފައި ވަނިކޮށް ޖުމްހޫރީ ކޯލިޝަން ޖަގަހަ ކައިރީ ދާދިފަހުން އެމްޑީޕީން ހުޅުވި ޖަގަހައިގެ ބައެއް ތަކެއްޗަށް ޖުމްހޫރީ ކޯލިޝަންގެ ސަޕޯޓަރުން ގެއްލުންދީފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ދެބައި މީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް މާރާމާރީ ހިނގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޭދޫ ޖުމްހޫރީ ޕާޓީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ އަބްދުއްލަތީފް އަލީ ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ޖަގަހައިގައި ޖަލްސާ ފެށުމާ އެކު ޖެހިގެން ހުރި އެމްޑީޕީ ޖަގަހައިން ބާރަށް ލަވަޖަހައި ޖަލްސާ އަށް ހުރަސް އަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމާ ހިތްހަމަނުޖެހިގެން ދެފަރާތުގެ ދެމެދުގައި ވަރަށް ބޮޑަށް ޒުވާބުކޮށް ހެދިކަމަށާއި ނަމަވެސް މާރާމާރީއެއް ހިނގާފައި ނުވާ ކަމަށެވެ.

އެމްޑީޕީއާ ދެކޮޅަށް އެންޓި ކެމްޕޭން ކުރުމުގެ ގޮތުން އެއްވެސް ކަހަލަ ބެނާއެއް ދަމާފައި ނުވާނެ ކަމަށާއި އެމްޑީޕީގެ ޖަގަހައިގެ ތަކެއްޗަށް ގެއްލުންދިން ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.