އިންޖީނު ހުއްޓިގެން ހއ. ތުރާކުނާ ދިމާލުން ރާއްޖެ އަށް ލައްގަމުން އަންނަ ރަޝިޔާގެ ސާވޭ ބޯޓު މިހާރު އޮތީ ހއ. ވަގާރު ފަޅުރަށާ 14 ނޯޓިކަލް މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ "އެކެޑެމިކް ނިކޮލައި ސްޓްރަކޯވް" ބޯޓު އޮތް ސަރަހައްދުގައި އިންޑިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ އިރު އެ ސަަރަހައްދަށް ދިއުމަށް ޓަކައި މާލެއިން ފުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ "ވީރު ޓަގް" ބޯޓަށް އެސަރަހައްދަށް ދެވޭވަރު ވާނީ މިއަދު ހަވީރު 16:30 އެހާކަންހާ އިރު ކަމަަށެވެ.

"މިބޯޓު މޮނިޓާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން (އެމްއާރުސީ) އާއި އިންޑިއާގެ މުމްބާއީގައި އިންނަ މިރީޒަންގެ އެންމެ ބޮޑު މެރިޓައިމް ކޯޑިނޭޝަން ސެންޓަރުން ގުޅިގެން ގެންދާނީ މޮނިޓާ ކުރަމުން. ގޫގޫލް އިން ބަލާލި ނަމަވެސް އެ ބޯޓު އޮތް ޕޮޒިސަން ފެންނާނެ. އެވަރަށް އެކަންތައް އަޕްޑޭޓްކުރަމުން ގެންދާނީ،" އޮފިސަރު ވިދާޅުވި އެވެ.

ރަޝިޔާގެ 38 މީހުންނާއި އިންޑިއާގެ ހަތަރު ފަޅުވެރިންނާ އެކު ދަތުރުކުރާ ބޯޓުގެ މިހާރު އޮޔާދަނީ ގަޑިއަކު އަށް ނޯޓިކަލް މޭލު ބާރު މިނުގައި ކަމަށާއި އެ ސަރަހަށްދުގެ މޫސުމް ވެސް މިހާރު ރަނގަޅު ކަމަށް އެމްއާރުސީސީއާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.

ހުދު ދަވާދު ލާފައިވާ 75 މީޓަރުގެ އެ ބޯޓުގެ އިންޖީނު ހުއްޓިފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު އެވެ.