14 Aug 2013, 12:05
މަގާމުން ދުރުކުކޮށްފައިވާ މިސްރުގެ ރައީސް މުހައްމަދު މޫރުސީގެ ވެރިކަން އިއާދަކުރުމަށް އެދި މުޒާހަރާކުރަމުންދާ މީހުން ވެރިރަށް ގާހިރާގައި ގާއިމްކޮށްފައިވާ ކޭމްޕުތައް ރޫޅާލަން ސިފައިން ފަށާފައިވާ އޮޕަރޭޝަންގައި މިހާތަނަށް 15 މީހުން މަރުވެފައިވާ ކަމަށް ބީބީސީ އިން ބުނެފި އެވެ.
ބީބީސީ އިން ބުނީ މިސްރުގެ ގާހިރާގެ ދެ ސަރަހައްދެއްގައި މޫރުސީގެ ސަޕޯޓަރުން ގާއިމްކޮށްފައިވާ ކޭމްޕުތައް ވަށައިގެންވާ މަގުތައް ބައްދާލުމަށް ފަހު ސިފައިން އެސަރަހައްދުތަކަށް ވަދެ ކޭމްޕުތައް ރޫޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ ސަރަހައްދުން ބަޑީގެ އަޑުފަށްގަނޑު އިވިގެންދިޔަ އިރު ކޭމްޕުތަކަށް ބުލްޑޯޒަރެއް ވަތް މަންޒަރު ފެނިގެންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.
މިދިޔަ ޖުލައި މަހުގެ ތިން ވަނަ ދުވަހު މިސްރުގެ އަސްކަރިއްޔާ އިން މަގާމުން ދުރުކޮށްފައިވާ މޫރުސީ އިއާދަކުރުމަށް އެދި މުޒާހަރާކުރަމުން ދަނީ ގާހިރާގެ އިރުމަތީގައިވާ ރަބާ އަލް އަދަވިއްޔާ އަދި ހުޅަނގުގައިވާ ނަހުދާ މައިދާނުގަ އެވެ.
މިސްރުގެ އިންޓީރިއާ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެދެސަރަހައްދުގައި ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން "އެކަށީގެންވާ" ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
މިގޮތުން ގާހިރާގެ މައި ޔުނިވާސިޓީގެ ކައިރީގައިވާ ނަހުދާ މައިދާން އެއްކޮށް ހުސްކޮށްފައިވާ ކަމަށް ބީބީސީ އިން ބުނެ އެވެ.
މަރުވެފައިވާ މީހުންގެ އަދަދަކީ 15 ކަމަށް ބީބީސީ އިން ބުނެފައިވީ ނަމަވެސް މޫރުސީ ނިސްބަތްވެ ވަޑައިގަންނަވާ މުސްލިމް ބުރަދާހުޑުން ބުނެފައި ވަނީ މަރުވެފައިވާ މީހުންގެ އަދަދު 30 އަށް އަރާ ކަމަށެވެ.