14 Aug 2013, 11:34
އިންޑިއާގެ މުމްބާއީގައި ހުންނަ ޑޮކްޔާޑެއްގައި އަޅާފައިވާ ސަބްމެރީނެއް ގޮވުމުގެ ސަބަބުން އޭގެ ތެރޭގައި 18 ފަޅުވެރިން ތާށިވެފައިވާ ކަމަށް ބީބީސީ އިން ބުނެފި އެވެ.
އިންޑިއާގެ ފަޔާ އެންޑް ރެސްކިޔު އިން ބުނީ ޑޮކްޔާޑުގައި ސަބްމެރީން މަރާމާތުކުރަމުންދަނިކޮށް އެއްޗެއް ގޮވި ހާދިސާގައި ސަބްމެރީންގައި ރޯވެފައިވާ ކަމަށާއި އޭގެ ފަހުން ސަބްމެރީން އަޑިއަށް ދިޔައިރު އިންޑިއާގެ ކަނޑުގެ ސިފައިންގެ 18 މީހަކު ސަބްމެރީންގެ ތެރޭގައި ތިބި ކަމަށެވެ.
މީހުން ސަލަމާތްކުރުމުގެ ހަރަކާތްތެރިވާ މީހުން ދަނީ ތާށިވެފައިވާ ފަޅުވެރިން ސަލާމަތްކުރުމަށް މަސައްކަތްކުރަމުން ނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ހާދިސާގައި ހިނގި ގޮވުން ހިނގި ސަބަބެއް ހޯދިފައިނުވާ ނަމަވެސް، އިންޑިއާގެ ޓީވީތަކުން ދައްކަމުންދާ މަންޒަރުތަކުގައި ބޮޑު އަލިފާން ގުޅައެއް މައްޗަށް އަރައިގެންދާ މަންޒަރު ފެނެ އެވެ. އެއަށް ފަހު ރޯވި އަލިފާންގަނޑުގެ ދުމުގެ އަސަރު ވަރަށް ދުރުން ފެންނަން ހުރިކަން ފާހަގަކޮށްލެވެ އެވެ.
ބީބީސީ އަށް މައުލޫމާތު ދެމުން އިންޑިއާގެ ކަނޑުގެ ސިފައިންގެ އޮފިޝަލަކު ބުނީ އެ ހާދިސާ ހިނގާފައި ވަނީ ސަބްމެރީންގެ ބައެއް އިކުއިޕްމަންޓުތައް މަސައްކަތް ކުރުމުގައި އެރި "އެރާތަކެއްގެ" (އޮޅުންތަކެއް)ގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންގެ ފަރާތުން މިހާދިސާ ތަހުގީގުކުރަން ވަނީ ފަށާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޑިއަށް ދިޔަ ސަބްމެރީނަކީ 1986 އާއި 2000 ދެމެދުގެ އަހަރުތަކުގައި އިންޑިއާ އިން ގަނެފައިވާ ރަޝިޔާގެ 10 ކިލޯ ކުލާހުގެ ސަބްމެރީނެކެވެ.
އައިއެންއެސް ސިންދުރަކްޝަކްގެ ނަން ދީފައިވާ މިސަބްމެރީންގައި ރަޝިޔާގެ ކުލަބް – އެސް ކުރޫސް މިސައިލް ސިސްޓަމެއް ހުރެ އެވެ.