14 Aug 2013, 11:11
އިނގިރޭސި ޕްރިމިއާ ލީގު މެޗުތަކުގެ ޓިކެޓްގެ އަގުތައް ސަޕޯޓަރުންގެ އަތް ނުފޯރާފަށް ނުގެންދިއުމަށާއި ހުރިހާ ޓީމަކުންވެސް، ފައިނެންޝަލް ފެއަޕްލޭ (އެފްއެފްޕީ) ގަވާއިދުތަކަށް އިހްތިރާމް ކުރުމަށް ޔުއެފާއިން ގޮވާލައިފި އެވެ.
ޔޫރަޕްގެ ކްލަބްތަކުގެ މުސްތަގުބަލް އުޖާލާ ކުރުމާއި ކްލަބްތައް ދަރަނިވެރިވިޔަ ނުދިނުމުގެ ބޭނުމުގައި ވިލާތުގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން މީގެ އަހަރެއް ކުރިން އަމަލުކުރަން ފަށާފައިވާ އެފްއެފްޕީގައިވަނީ، 2018 ވަނަ އަހަރާ ހަމައަށް ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުފަދަ ޔުއެފާއިން އިންތިޒާމް ކުރާ މުބާރާތްތަކުގައި ކުޅޭ ޓީމުތަކުގެ ދަރަނި، 8.8 މިލިއަން ޕައުންޑަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ.
ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ ގިއާނީ އިންފެންޓިނޯ ވިދާޅުވެފައިވަނީ، ކްލަބްތަކުން ދަރަނި ކުޑަކުރުމަށްޓަކައި ފައިސާ ހޯދަން މަސައްކަތް ކުރި ކަމުގައި ވީނަމަވެސް ސަޕޯޓަރުން ކްލަބްތަކާ ދުރައް ދާންޖެހޭ ފަދަ އަމަލެއް ހިންގައިގެން ނުވާނޭ ކަމަށެވެ.
"ސަޕޯޓަރުން އަބަދުވެސް ކްލަބްތަކާ ދުރަށް ދިޔަ ނުދީ ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް،" އިންފެންޓިނޯ ވިދާޅުވި އެވެ. "ކްލަބްގެ ސަޕޯޓަރުންނަކީ، ތާއަބަދު ދެގޮތެއް ނުވެ ކްލަބާއެކުގައި ތިބޭނެ ބަޔަކީ. ކުޅުންތެރިންނާއި، ކޯޗުންނާއި، ޓީމުގެ މެނޭޖްމަންޓަކީވެސް ދުވަސް ދުވަސްކޮޅުން ބަދަލުވާ ބައެއް. އެކަމަކު ސަޕޯޓަރުން އަބަދު ވެސް ތެދުވެރިކަންމަތީ ތިބޭ."
ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ އެގޮތަށް ވާހަކަފުޅު ދައްކާފައި ވަނީ ބައެއް ކްލަބްތަކުން މެޗްތަކުގެ ޓިކްޓްގެ އަގުބޮޑުވުމުގެ ސަބަބުން ސަޕޯޓަރުން މެޗުތައް ބެލުމުގެ ފުރުސަތު ގެއްލިފައި ވުމާއި، އަދި ސަޕޯޓަރުންގެ ގްރޫޕް ތަކުން އެކަމާ ދެކޮޅަށް ޝަކުވާކޮށްފައި ވާތީއެވެ.
ފުޓްބޯލް ސަޕޯޓަރުންގެ ފެޑެރޭޝަނުން އަވޭ ޓިކެޓް 20 ޕައުންޑަށްވުރެ ބޮޑު އަގެއްގައި ނުވިއްކުމަށް ގޮވާލާފައި ވަނިކޮށް، މިދިޔަ ޖެނުއަރީގައި އާސެނަލްއާ ދެކޮޅަށް އެމިރޭޓް ސްޓޭޑިއަމްގައި މެންޗެސްޓާ ސިޓީ ކުޅެން އޮތް މެޗެއްގައި އަވޭ ޓިކެޓް 62 ޕައުންޑުގެ ބޮޑުއަގުގައި ވިއްވާފައިވާތީ، އެ ކްލަބްގެ ސަޕޯޓަރުން ވަނީ އެކަމާދެކޮޅަށް މުޒާހަރާކޮށް 900 އަށްވުރެ ގިނަ ޓިކެޓް އަނބުރާ ސިޓީއާ ހަވާލުކޮށްފަ އެވެ.
ޕްރިމިއާ ލީގަށް ބަލާއިރު ސިޓީއިން ހަރަދު ކުޑަކުރުމަށްޓަކައި ކާލޯސް ޓެވޭޒް އާއި އެހެން ބައެއް ކުޅުންތެރިން ވިއްކާލިނަމަވެސް، މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖީސަސް ނަވާޒް އާއި، ފާނަންޑީނިއޯއާއި ސްޓީވަން ޖޮވެޓިޗްއާއި އަލްވާރޯ ނެގްރެޑޯ ހޯދުމަށް 90 މިލިއަން ޕައުންޑު ހަރަދުކޮށްފައިވެ އެވެ.
ފްރެންޗް ލީގަށް ބަލާއިރު، މޮނާކޯއިން ރަޑެމަލް ފަލްކާއޯ ހޯދުމަށް 51.4 މިލިއަން ޕައުންޑް، ޕީއެސްޖީއިން ކަވާނީ ހޯދުމަށް 55.2 މިލިއަން ޕައުންޑް ހޭދަކޮށްފައިވެ އެވެ.
ޔުއެފާ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ އެ އިދާރާއިން އެފްއެފްޕީ ތައާރަފްކޮށްފައިވަނީ، ކްލަބްތަކަށް އަދަބު ދިނުމަށް ނޫން ކަމަށާއި، ކްލަބް ތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.
"ކްލަބްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށްޓަކައި ހުރިހާ ކްލަބް ތަކަކުންވެސް ރަނގަޅު ވިޔަފާރި މޮޑެލްއެއް ގެންގުޅުން ވަރަށް ބުއްދިވެރި،" ޔުއެފާ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
ޔުއެފާ ފައިނެންޝަލް ފެއަ ޕްލޭގައި ވާގޮތުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ގަވާއިދުގެ ތެރެއަށް ނުފެތޭ ޓީމްތަކަށް ޔުއެފާ މުބާރާތްތަކުން ޖާގައެއް ނުލިބޭނެ އެވެ.