ވޮޝިންޓަން (އޮގަސްޓް 14): އެމެރިކާގެ ދެއެއަލައިން ކަމަށްވާ އެމެރިކަން އެއަރލައިންސް އާއި ޔޫއެސް އެއަވޭޒް ގުޅިގެން އެއްކުންފުނި އުފައްދަން މަސައްކަތް ކުރުމުން އެކަމާދެކޮޅަށް އެމެރިކާ ސަރުކާރުން އަޑުއުފުލައިފި އެވެ.

އެމެރިކާގެ ޖަސްޓިސް މިނިސްޓްރީން ބުނީ މިދެކުންފުނި އެއްކޮށްލުމުން ދުނިޔޭގައި މިހާތަނަށް އުފެދިފައިނުވާ ފަދަ ބޮޑު އެއަލައިންއެއް އުފެދިގެންދާނެ ކަމަށާ މިއީ ވިޔަފާރީގައި މޮނޮޕޮލީ އަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގަ އެވެ. ވިޔަފާރީގައި މޮނޮޕޮލީ އުފެދުމުން އަގުތައް ބޮޑުވެ ކަސްޓަމަރުންނަށް ގެއްލުންވެ ވާދަވެރިކަން ހުއްޓުމަކަށް އަންނާނެ ކަމަށާ މިއީ މިނިވަން ވިޔަފާރީގެ އުސޫލު ނޫންކަމުން މިކަން ހުއްޓުވުމަށްޓަކައި މިހާރު މޮނޮޕޮލީ މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އެމެރިކާގެ ޖަސްޓިސް މިނިސްޓްރީން ބުނެ އެވެ. އެމެރިކާގެ ޖަސްޓިސް މިނިސްޓްރީގެ މިދަޢްވާގައި އެމެރިކާގެ 7 ސްޓޭޓެއްގެ ލޯކަލް ސަރުކާރުތައް ވެސް ބައިވެރިވާ ކަމަށްވެ އެވެ.

އެމެރިކާގެ ޖަސްޓިސް މިނިސްޓާ އެރިކް ހޯލްޑާ ވިދާޅުވި ގޮތުގައި މިދެކުންފުނި އެއްކޮށްލައިފި ނަމަ އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ބާޒާރުގައި ދެންޙަރަކާތްތެރި ވާނީ މައިގަނޑު ތިންކުންފުންޏެވެ. މިފަދަ ޙާލަތެއްގައި އެކުންފުނިތަކުން މަސައްކަތްކުރާނީ ވައިގެ ދަތުރުފަތުރުގައި ވާދަވެރި މާޙައުލެއް އުފެއްދުމުގެ ބަދަލުގައި އެތިންކުންފުނީގެ މެދުގައި ވިލަރެސް ކޮށްގެން ޚިދުމަތުގެ އަގުބޮޑުކުރެވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކަން އެއަލައިންސްކުންފުންޏާއި ޔޫއެސް އެއަވޭޒް ކުންފުނި އެއްކޮށްލުމަށް އެދެކުންފުނީގެ މެނޭޖްމަންޓުން ނިންމާފައި ވަނީ މިދިޔަ މާޗް މަހު އެމެރިކާގެ ފެޑްރަލް ފަނޑިޔާރަކު މިކަމަށް ރުހުން ދެއްވުމުން ކަމަށް އެދެކުންފުނީގެ ޤާނޫނީ ޓީމުން ބުނެ އެވެ. މީގެތެރެ އިން އެމެރިކަން އެއަލައިންސް ކުންފުންޏަކީ ގެއްލުމުގައި ގިނަދުވަސްތަކެއްވަންދެން ހިންގާފައިވާ ކުންފުންޏެކެވެ. ޔޫއެސް އެއަވޭޒް ކުންފުންޏަކީ ފައިދާވާ ކުންފުންޏެކެވެ. މިދެކުންފުނި އެއްކޮށްލައިގެން އުފައްދާ އައު ކުންފުނީގެ ރައުސްމާލް 40 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށާ އައު ކުންފުނީގެ ބޯޓުތަކުން އަހަރަކު 6700 ވައިގެ ދަތުރު ކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)