ރާމަﷲ (އޮގަސްޓް 12): އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ފެށުމާ ގުޅިގެން މިނިވަންކުރުމަށް އިސްރާއީލުން އެއްބަސްވި ފަލަސްތީނު އަސީރުންގެ 104 މީހުންގެތެރެއިން 26 މީހުން މިނިވަންކުރުމުން ފަލަސްތީނުގެ ވެރިންނާއި ރައްޔިތުން އެމީހުންނަށް ހޫނު މަރްޙަބާއެއް ކިޔައިފި އެވެ.

މިނިވަންކުރި މި 26 މީހުންގެ ތެރެއިން 15 މީހުންގޮސްފައިވަނީ ޣައްޒާއަށެވެ. އަނެއް 11 މީހުން ހުޅަނގު އައްސޭރީގެ ރާމަﷲ އަށެވެ. ޣައްޒާއާއި ރާމަﷲ ގައި ފަލަސްތީނުގެ އަސީރުންނަށް މަރްހަބާ ދެންނެވީ އެދެސަރަހައްދުގެ ގިނައަދަދެއްގެ ޢާންމުންނާއި ފަލަސްތީނުގެ އެންމެ ބޮޑު ދެޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތާއި ފަތްޙު ޖަމާއަތުގެ އިސްބޭފުޅުންނެވެ. މީގެތެރޭގައި ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ރައީސް މަޙްމޫދު ޢައްބާސް ހިމެނިވަޑައިގަންނަވައެވެ. މި 26 އަސީރުން މިނިވަންކޮށްފައިވަނީ އިސްރާއީލުގެ އައްރަމްލާގެ އަޔަލޫން ޖަލުންނެވެ. މީގެތެރޭގައި ގިނައީ އިސްރާއީލުގެ ޖަލުތަކުގައި 19 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަކޮށްފައިވާ އަސީރުންނެވެ. ނަމަވެސް މީގެތެރޭގައިއިސްރާއީލުގެ ޖަލުތަކުގައި 29 އަހަރު ހޭދަކޮށްފައިވާ އަސީރަކުވެސް ހިމެނޭކަމަށްވެއެވެ.
ސުލްހައިގެ ވާހަކަތަކާ ގުޅިގެން މިނިވަންކުރުމަށް ފަލަސްތީނުން އެދުނު އަސީރުންގެ ތެރެއިން އިސްރާއީލުން އެއްބަސްވެފައިވަނީ 104 އަސީރުން މިނިވަން ކުރުމަށެވެ. މި 104 އަސީރުން މިނިވަންކުރުމަށް ހަމަޖެހިފައިވަނީ 6 މަސްދުވަހުގެ ތެރޭގައެވެ. އިއްޔެ މިނިވަންކުރި 26 އަސީރުންނަކީ މީގެތެރެއިން ފުރަތަމަ ބުރުގައި މިނިވަންކުރުމަށް ހަމަޖެހިފައިވާ އަސީރުންނެވެ. ދެވަނަ ބުރުގައި އަސީރުން މިނިވަން ކުރެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.
އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 10 ހާހަށްވުރެ ގިނަ އަސީރުންގެ ތެރެއިން އިއްޔެ މިނިވަންކުރި 26 އަސީރުންނަކީ އެމީހުންގެ ޖަލުގެ މުއްދަތުގެ 90 ޕަސެންޓް ނިމިފައިވާ މީހުންނެވެ. މި 26 މީހުންގެ ތެރެއިން ގިނަމީހުންނަކީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުގެ ޙަރަކާތެއްގައި ބައިވެރިވުމުގެ ޖިސްމާނީ ޤާބިލްކަން މިހާރު ލިބިފައިވާ ބަޔަކަށްނުވާތީ މިބައިމީހުން މިނިވަންކުރުމަކީ އިސްރާއީލަށް ނުރައްކަލެއް އޮތްކަމެއްނޫން ކަމަށް ޚަބަރުލިބެއެވެ. (އަލްޖަޒީރާ)