އަބޫޖާ (އޮގަސްޓް 14): ނައިޖީރިޔާގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޫކޫ ޙަރާމް ޖަމާއަތުން އެގައުމުގެ ބްރޫނޫ ސްޓޭޓްގެ މިސްކިތަކަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 60 އަށް އަރައިފި އެވެ.

ނައިޖީރިޔާގެ ސިއްޙަތާ ބެހޭ ދާއިރާތަކުން ހާމަކުރާ ގޮތުގައި މިޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު މައްޗަށްގޮސްފައި ވަނީ މިޙަމަލާތަކުގައި ޒަޚަމްވި ބައެއް މީހުން މަރުވުމާގުޅިގެންނެވެ. މިދިޔަ ހޯމަދުވަހު ބޫކޫ ޙަރާމްގެ ހަނގުރާމަވެރިން، ބްރޫނާ ސްޓޭޓްގެ މީޑޫގޮރީ ސިޓީގެ ކޮންޑޯޖާ ވިލެޖުގެ އެންމެ ބޮޑު މިސްކިތަށް ބަޑިން ޙަމަލާދީފައި ވަނީ އެމިސްކިތުގައި ގިނަ އަދަދެއްގެ ބަޔަކު ނަމާދުކުރަން ތިއްބައި ކަމަށްވެ އެވެ. ޙަމަލާދިންވަގުތު އެމިސްކިތުގެ އެތެރެއޮތީ ލެއިން ކޯރުހެދި ޤަތްލުޢާންމެއް ހިންގައި ގިނައަދަދެއްގެ ބަޔަކު މަރާލާފައިވާ ހާލަތުގައި ކަމަށާ ނަމާދުކުރަންތިބި މީހުންގެ ތެރެއިން 44 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ. އަދި ސަތޭކައެއްހާ މީހުން ޒަޚަމްވި ނަމަވެސް ޒަޚަމްވި މީހުންގެ ތެރެއިން ގިނަމީހުންގެ ޙާލަތުވަނީ ފުރާނަ ސަލާމަތްނުކުރެވޭ ހިސާބުގައި ކަމުން މީގެތެރެއިން 14 މީހަކު ފާއިތުވި ދެދުވަހުގެ ތެރޭގައި މަރުވެފައިވާ ކަމަށް ނައިޖީރިޔާގެ ސިއްޙަތާބެހޭ ދާއިރާތަކުން ވަނީ ހާމަކޮށްފަ އެވެ.

މިޤަތްލު އާންމާގުޅިގެން ނައިޖީރިޔާގެ ސަލާމަތީ ބާރުތަކުންވަނީ ނައިޖީރިޔާގެ އުތުރުގައިވާ ބޫކޫ ޙަރާމް ޖަމާއަތުގެ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ އެޖަމާއަތުގެ ކޮމާންޑަރުންނާއި ހަނގުރާމަވެރިންގެ ތެރެއިން 20 މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރިމީހުންގެ ތެރެއިން ބައެއް މީހުން މިޙަމަލާތައް ރޭވިކަމަށް އެއްބަސްވެފައިވާ ކަމަށް ނައިޖީރިޔާގެ ފުލުހުން ހާމަކުރެ އެވެ. ދެ ހާސް ދެ ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ބޫކޫ ޙަރާމް ޖަމާއަތަކީ ބޮންގޮއްވުމާއި އާންމުތަންތަނަށް ޙަމަލާ ދިނުމުގައި ޙަރަކާތްތެރިވަމުންދާ ހަރުކަށި ޖަމާއަތެކެވެ. އަލްޤާޢިދާގެ ނަމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ސްޓައިލަށް ޙަރަކާތްތެރިވާ ބޫކޫ ޙަރާމް ޖަމާއަތުގެ ހަނގުރާމަވެރިން މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވަނީ ނައިޖީރިޔާގެ އުތުރުގެ ސަރަހައްދުތަކުގަ އެވެ.

ނައިޖީރިޔާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޔޫބީގެ ސްކޫލަކަށް މިދިޔަ ޖޫންމަހު ބަޑިން ޙަމަލާދީ 44 ދަރިވަރަކު މަރާލިކަމުގެ ތުހުމަތުވެސް ކުރެވިފައި ވަނީ ބޫކޫ ޙަރާމް ޖަމާއަތުގެ މައްޗަށެވެ. ބޫރޫ ޙަރާމް ޖަމާއަތުގެ މިހާރުގެ ލީޑަރު އަބޫބަކުރު ޝީކޯ ވަނީ އެޙަމަލާއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

މިޖަމާއަތުގެ ޙަމަލާތަކުގައި މިހާތަނަށް 80 ވަރަކަށް ހާސްމީހުން މަރުވެފައިވާއިރު ނައިޖީރިޔާގެ ސަލާމަތީ ބާރުތަކުގެ ޙަމަލާތަކުގައި އެޖަމާއަތުގެ މުއައްސިސްގެ އިތުރުން އެޖަމާއަތަށް ނިސްބަތްވާ 800 އެއްހާ ހަނގުރާމަވެރިން މަރާލާފައިވެ އެވެ. ބޫކޫޙަރާމް ޖަމާއަތުގެ މުއައްސިސަކީ މުދައްރިސެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި މުޙައްމަދު ޔޫސުފް ނަމަކަށްކިޔާ މީހެކެވެ. (އަލްޖަޒީރާ)