14 Aug 2013, 10:49
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ ބެހޭ ގޮތުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީސްގެ ރައީސް އިލްޔާސް ހުސައިން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އެމްޑީޕީން އޭނާ ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުއާ އިސްލާމްދީނާ ގުޅުވައިގެން ޝެއިޚު އިލްޔާސް ތަކުރާރުކޮށް ހަގީގަތާ ހިލާފު ވާހަކަފުޅުތައް ދައްކަވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ނިސްބަތް ކުރައްވައި، މާތްވެގެންވާ އިސްލާމް ދީނާ ގުޅުވައިގެން، އަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޝެއިޚް އިލިޔާސް ޙުސެން ހަގީގަތާ ޚިލާފު ވާހަކަތައް ތަކުރާރުކުރައްވަމުން ގެންދަވާ ގެންދެވުން މި ޕާޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ޝެއިޚު އިލްޔާސް އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އޭނާއާ މެދު ތުހުމަތުތައް ކޮށްފައިވެ އެވެ. އެގޮތުން އޭނާއަކީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުން ވެސް ދައްކަވާ ވާހަކަފުޅުތަކަށް ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތް ބޭފުޅެއް ކަމަށް ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އިލްޔާސްއަކީ ސިޔާސީ ފައިދާ ހޯއްދެވުމަށްޓަކައި ހަގީގަތާ ހިލާފު، ފިތުނަވެރި ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ.
"ޝެއިޚް އިލިޔާސް ޙުސެން އަކީ ދީނުގެ ތޮފި އަޅުއްވައިގެން ހުންނަވައި، އޮޑި ދޯނި ފަހަރަށް އެބޭފުޅާގެ އީމާންތެރިކަން ވިއްކާލައި، އަދި ސިޔާސީ މަންފާ ހޯއްދެވުމަށް ޓަކައި ދީނުގެ ނަމުގައި އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެގެން ނުވާ ޙަގީގަތާ ޚިލާފު އަދި ފިތުނަވެރި ވާހަކަ ދެއްކެވުމުގައި މަޝްހޫރު ބޭފުޅެއްކަން ވެސް ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން ޝެއިޚު އިލްޔާސް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އުމްރާއަށް ވަޑައިގަތް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޞަލަވާތް ކިއުއްވަން ދެކޮޅު ހެއްދެވި ބޭފުޅެއް ކަމަށް އެޖަލްސާގައި ވެސް އިލްޔާސް ވިދާޅުވި އެވެ. ޝެއިޚު އިލްޔާސް ވަނީ މީގެ ކުރިން ވެސް ރައީސް ނަޝީދަށް ނިސްބަތްކޮށް އެވާހަކަ އެގޮތަށް ދައްކަވާފަ އެވެ.