14 Aug 2013, 10:41
އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) 1000 ޑޮލަރު (15420ރ.) އިން ޖޫރިމަނާކުރިކަން އަދި އިނގިފައި ނުވާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް ޖޫރިމަނާ ކޮށްފައިވާ ކަމަށް ބުނެ އޭއެފްސީގެ ރަސްމީ ވެބްސައިޓުގައި ވަނީ އެކަމާ ގުޅޭ ބަޔާނެއް ވެސް މި މަހުގެ ދެ ވަނަ ދުވަހު ނެރިފަ އެވެ.
އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީން ރާއްޖެ ޖޫރިމަނާ ކޮށްފައިވާކަން ރާއްޖޭގެ އެފްއޭއެމްއަށް އެނގިފައި އޮތްތޯ ބެލުމަށް "ސަން" އިން މިއަދު ގުޅާލުމުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހާނިމް ވިދާޅުވީ، ތިކަމުގެ މައުލޫމާތު އަދި އެނގިފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދަށް ގުޅާލުމުން ފޯނު ނުނަންގަވާތީ އެކަމުގެ މައުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރާއްޖެ ޖޫރިމަނާ ކޮށްފައިވާ ކަމަށް ބުނެ އޭއެފްސީގެ ރަސްމީ ވެބްސައިޓުގައި ޖުމްލަ ދެ ނުކުތާއެއް ވަނީ ފާގަ ކޮށްފައެވެ. އެގޮތުން ފުރަތަމަ ނުކުތާގައި ބުނެފައި ވަނީ ރާއްޖެ ޖޫރިމަނާ ކުރަން ޖެހުނީ މިދިޔަ ޖޫން މަހުގެ 25 އާއި 27 ވަނަ ދުވަހު ގަތަރުގެ އަންހެން ޓީމާއި ރާއްޖޭގެ އަންހެން ޓީމް ބައްދަލުކުރި ދެ މެޗުގެ މެޗު ރިޕޯޓް އޭއެފްސީ އަށް ފޮނުވާފައި ނުވާތީ އެވެ. އަދި ދެ ވަނަ ނުކުތާގައި ބުނެފައި ވަނީ އެ ޖޫރިމަނާއަކީ އޭއެފްސީގެ ގަވާއިދުގެ ފަސް ވަނަ މާއްދާއާ ހިލާފުވެފައިވާތީވެ ކުރި ޖޫރިމަނާއެއް ކަމަށާއި އެ ޖޫރިމަނާ 10 ދުވަސް ތެރޭގައި އޭއެފްސީ އަށް ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އޭއެފްސީގެ ބަޔާނުގައި ބުނެފައި ވަނީ މިކަން ރާއްޖޭގެ އެފްއޭއެމް އަށް އަންގާފައި ވާނޭ ކަމަށާއި އެކަން ދެން ތަކުރާރު ކޮށްފި ނަމަ އިތުރު ފިޔަވަޅުތަކެއް އެފްއޭއެމްއާ މެދު އަޅާނެ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުން އެ ޖޫރިމަނާގެ މުއްދަތު މިދިޔަ ހުކުރު ދުވާހާ އަމައަށް ވަނީ ހަމަވެފަ އެވެ. އެހެން ނަމަވެސް އެފްއޭއެމް އިން އެ ޖޫރިމަނާ ދެއްކި ކަމެއް ނުވަތަ ނުވަތަ ނުދައްކާ ކަމެއް އަދި އެނގިފައެއް ނެތެވެ.
ގަތަރުގެ އަންހެން ޓީމާއެކު ރާއްޖޭގެ އަންހެން ޓީމް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ވެސް ރާއްޖެ 1-0 ލަނޑުން މޮޅުވި އިރު، ދެ ވަނަ މެޗުގައި ގަތަރު އަތުން ރާއްޖެ މޮޅުވީ 3-0 ލަނޑުން ނެވެ.