މަންމަން ބަހާއި އިތުރު 19 ބަހެއް ދަންނަ ތަރުޖަމާނުން ހޯދުމުގެ މަސައްކަތް ކްރިމިނަލް ކޯޓުން ފަށައިފި އެވެ.


ކޯޓުން ބުނެފައި ވަނީ އެ ކޯޓުގެ ޝަރީއަތްތަކަށް ބޭނުންވާ ބިދޭސީ ބަސް ބަހާއި މަންމަން ބަހުގެ ތަރުޖަމާނުން ގޮތުގައި ކުރުމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ތަރުޖަމާނުންނަށް އެ ފަރާތްތައް ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 300ރ. ގެ އުޖޫރައެއް ދޭނެ ކަމަށެވެ.


ކްރިމިނަލް ކޯޓަށް ހޯދަން އިއުލާނު ކޮށްފައިވަނީ މަންމަން ބަހުގެ ތަރުޖަމާނުންނާއި އަރަބި ބަހާއި އިނގިރޭސި ސިންހަޅަ ބަހުގެ ތަރުޖަމާނުންނާއި ތަމަޅަ ބަހާއި ހިންދީ ބަހާއި އުރުދޫ ބަހާއި މަލިޔާޅަމް ބަހުގެ ތަރުޖަމާނުންނާއި ބަންގާޅު ބަހާއި ޖަޕާނު ބަހާއި ޖަރުމަނު ބަހުގެ ތަރުޖަމާނުންނާއި އިންޑޮނޭޝިޔާ އާއި އިޓަލީ އާއި ފަރަންސޭސި ބަހުގެ ތަރުޖަމާނުންނާއި ރަޝިޔާ ބަހާއި ފިލިޕީން ބަހާއި ޗައިނާ ބަހުގެ ތަރުޖަމާނުންނާއި އަދި ކޮރެއާ އާއި މެލޭޝިޔާ އާއި ތައިލޭންޑް ބަހުގެ ތަރުޖަމާނުންނެވެ.


މިއިން ކޮންމެ ބަހަކުން ވާހަކަ ދައްކަން އެނގުމުގެ އިތުރުން އެ ބަހަކުން ލިޔާށާއި ކިޔަން އެނގުމަކީ ޝަރުތެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.


ކްރިމިނަލް ކޯޓަށް ހޯދާ ތަރުޖަމާނުންނަކީ އެ ކޯޓުގައި ބިދޭސީންގެ މައްޗަށް ހިންގާ ޝަރީއަތްތަކުގައި ދައުވާ ލިބޭ ބިދޭސީން ދައްކާ ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާކޮށް ދިނުމަށް ހޯދާ ތަރުޖަމާނުންނެވެ.


ފަހަކަށް އައިސް ވަރަށް ގިނަ ކްރިމިނަލް މައްސަލަތަކުގައި ބިދޭސީންގެ މައްޗަށް ދައުވާތައް ކުރަމުންދާތީ އެފަދަ ޝަރީއަތްތަކަށް ބޭނުންވާ ތަރުޖަމާނުން ނުލިބިގެންނާއި ހާޒިރު ނުވެވިގެން ޝަރީއަތްތައް ކްރިމިނަލް ކޯޓުގެ ތަވާލާ އެއްގޮތަށް ނުހިނގައި ލަސްވެފައިވެ އެވެ.