14 Aug 2013, 10:24
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނަސަންދުރަ ޕެލަސް ހޮޓަލުން ދައްކަން ޖެހޭ ކުއްޔާއި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކޯޓުން ހުކުމް ކުރުމުން ވެސް ނުދެއްކުމުން އެކައުންޓް ފްރީޒްކޮށްގެން ފައިސާ ހޯދުމަށް މައްސަލަ ދޫކޮށްލައިފި އެވެ.
މީރާ އިން ބުނީ އެ ހޮޓެލް ހިންގާ ގެލެކްސީ އެންޓަޕްރައިސަސް އިން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ހުށަހެޅުމަށް ފަހު އެ ކުންފުނީގެ އެކައުންޓް ފްރީޒްކޮށްގެން ފައިސާ ހޯދުމަށް ފަހު އެ މައްސަލަ ދޫކޮށްލީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.
"އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރި. އެކަމަކު ވެސް ފައިސާ ދައްކާފައެއްނުވޭ. އެންމެ ފަހުން އެކައުންޓް ފްރީޒްކޮށްގެން އެ ފައިސާ ހޯދީ،" މީރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ މައްސަލަ ސިވިލް ކޯޓަށް މީރާ އިން ހުށަހެޅީ 2011 ވަނަ އަހަރު އެވެ.
މީރާ އިން ބުނީ އެ އޮތޯރިޓީން ހޯދަން ބޭނުންވީ 265،054.94 ޑޮލަރު ކަމަށެވެ.