ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެހެން ކުލަބަކަށް ވިއްކައި ނުލާނެ ކަަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ފޯވަޑްއާއި ބެހޭ ގޮތުން އިނގިރޭސި މީޑިއާތަކަށް ޖެރާޑް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައި ވަނީ، ސުއަރޭޒް އަކީ ލިވަޕޫލަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނަ ހޯދުމަށް އެހެން ކުލަބަކުން ތަފާތު ބޮޑެތި އަގުތަކުގައި ހުށަހެޅުންތައް ހުށަހެޅި ނަމަވެސް ލިވަޕޫލުން އޮތީ އޭނަ ދޫނުކުރާން ނިންމާފައި ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީން ކަން އެބޮތް ކަމަށް ވެސް ޖަރާޑް ބުންޏެވެ.

"ސުއަރޭޒަކަށް އެހެން ކްލަބަކާ ގުޅުމުގެ ފުރުސަތެއް ނެތް. އެޔަގީން ކަން ވެސް އެބޮތް. ސުއަރޭޒް އަކީ މުހިންމު ކުޅުންތެރިއެއް." ޖެރާޑް ބުންޏެވެ.

ލިވަޕޫލުން ދޫނުކުރާނެ ކަމަށްބުނެ ހިފަހައްޓާފައިވާ ހުނަރުވެރި ފޯވަޑް ސުއަރޭޒް ހޯދުމަށް ދެ ފަހަރެއްގެ މަތިން އާސެނަލްއިން މަސައްކަތް ކޮށް، ބޮޑެތި އަގުތަކުގައި ބިޑް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އާސެނަލް އިން ހުށަހެޅި ދެ ބިޑަށް ވެސް ލިވަޕޫލުން ވަނީ ދެކޮޅު ހަދައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ، ސުއަރޭޒް މިހާރު ތަމްރީން ހަދަމުން އަންނަނީ ވެސް ލިވަޕޫލްގެ އެހެން ކުޅުންތެރިންނާ ވަކިންނެވެ.

ސުއަރޭޒާއި ލިވަޕޫލާ ދެމެދު ވެފައިވާ އެއްބަސް ވުމުގައިވާ ގޮތުން 40 މިލިއަން ޕައުންޑަށްވުރެ މަތީ އަގެއް ހުށަހަޅައިފި ނަމަ، ލިވަޕޫލުން އެހުށަހެޅުން ބައިލައިގަންނަން ޖެހޭނެ އެވެ. އާސެނަލްއިން ދެވަނަ ފަހަރު ބިޑް ކުރިއިރު 40 މިލިއަން އެއް ޕައުންޑު ބިޑްކުރުމުންވެސް ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާ ބުނީ، ސުއަރޭޒް ދޫކޮށްލަން ޖެހޭވަރުގެ އަގެއް އާސެނަލްއިން އަދި ހުށަނާޅާ ކަމަށެވެ.

އަޔެކްސްއިން 2011 ވަނަ އަހަރު 22.7 މިލިއަން ޕައުންޑުގެ ފީއަކަށް ދިގުމުއްދަތުގެ އެއްބަސް ވުމެއްގެ ދަށުން ލިވަޕޫލާ ގުޅުނު ފޯވަޑް ވަނީ، މިދިޔަ ސީޒަންގައި އޭނާ ލިވަޕޫލަށް ކުޅުނު 44 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ލިވަޕޫލަށް ޖުމުލަ 96 މެޗު ކުޅެފައިވާއިރު 51 ލަނޑު ކާމިޔާބުކޮށްފައިވާއިރު އެ ސީޒަންގައި ލިވަޕޫލާ ގުޅުމުގެ ކުރިން އަޔެކްސްއަށް ކުޅުނު 48 މެޗުގައި 49 ލަނޑު ޖަހާފައިވެ އެވެ. އަދި ގައުމީޓީމަށް 69 މެޗު ކުޅެފައިވާއިރު 35 ލަނޑު ޖަހާފައިވެ އެވެ.