14 Aug 2013, 10:04
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް 64،400 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓްލުމަށް ޓަކައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނަށް ހުށަހަޅާފައިވާ ހުރިހާ ފޯމްތަކެއް ޗެކްކޮށް ނިމިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރީ ރަޖިސްޓްރޭޝަންސް އަށް ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް. އޭގެ ފަހުން ތަފާތު އެކި މައްސަލަތައް ދިމާވެގެން ރިޖެކްޓްކުރި ފޯމްތައް އަލުން ރަނގަޅު ކުރުމަށް ފަހު ހުށަހެޅުމަށް ވެސް މުއްދަތު ދިނިން. އެ މައްދަތު ވެސް މިހާރު ވަނީ ހަމަވެފައި. އެހެން ވީމާ އަޅުގަނޑުމެން ހުރިހާ ފޯމްތަކެއް ސްކްރީންކޮށް ބަލައި ޗެކްކޮށް ނިމުނު އިރު ރީ ރަޖިސްޓްރޭޝަންގައި 64،400 މީހުން ރަޖިސްޓްރީ ކޮށްފައިވޭ،" ފަޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓް މިއަދު އެ ކޮމިޝަންގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އެއްވެސް އިންތިހާބެއްގައި ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވުމަށް ފަހު އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ ލިސްޓާ ގުޅިގެން ތިން ދުވަހަށް ވުރެ އިތުރަށް އެ ކޮމިޝަނަށް މުއްދަތު ދެވެން ނެތް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ފައިނަލް ލިސްޓް މި މަހުގެ 20 ވަނަ ދުވަހު އާންމު ކުރާނެ ކަމަށެވެ.