ރަޝާގެ އަންޒީ މަކަޝްކަލާގެ ކެމަރޫން ފޯވަޑް ސެމުއެލް އެޓޫ ޕްރިމިއާ ލީގުގެ ޗެލްސީއަށް އަންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯގެ ކޯޗު ކަމުގައި އިޓަލީގެ އިންޓަމިލާނުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދާފައިވާ ހުނަރުވެރި ފޯވަޑް ޗެލްސީއަށް ގެންނަން މޮރީނިއޯ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މާލީ މައްސަލަތައް ހައްލުކުރުމަށް ކްލަބްގެ އަގުބޮޑު ކުޅުންތެރިންތަކެއް ދޫކޮށްލަން ތައްޔާރުވެގެން އޮތް އަންޒީ އިން އެޓޫ ދޫކޮށްލުމަށް ދެކޮޅު ހަދާނޭ ކަމަށް ނުބެލެވޭއިރު މޮރީނިއޯއަކީ އެޓޫ ވަރަށް އިތުބާރުކުރާ ކޯޗެކެވެ.

"ހޯސޭ މޮރީނިއޯ ވަރުގެ ކޯޗެއް ނުހުންނާނެ. އަހަރެން ވަރަށް ގިނަ ކޯޗުންނާ އެކު މަސައްކަތް ކޮށްފިން، އެކަމަކު މޮރީނިއޯވަރުގެ ޝަހުސިއްޔަތެއް ނުދެކެން،" އެޓޫ ބުނިކަމަށް ޑެއިލީ މިރާގައި ލިޔެފައިވެ އެވެ. "އެއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކޯޗު. އިންޓަ މިލާނުގައި އަހަރެމެން ވާނީ ގިނަ ކާމިޔާބުތަކެއް ހޯދާފައި. އަހަރެން އަދިވެސް ބޭނުން މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެން. މޮރީނިއޯ ކޯޗަކަން ކޮށްދޭހައި ހިނދަކު ފޫހިވެގެން އުޅޭކަށް ނުޖެހޭނެ."

އެޓޫ ބުނީ، ޗެލްސީއަކީ ބޮޑު ކްލަބެއް ކަމަށާއި އަދި އެ ކްލަބުން އޭނާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، އޭނާގެ އޭޖެންޓާ އެކަމާ މަޝްވަރާކުރާނެ ކަމަށެވެ.

މިހާރު އުމުރުން 32 އަހަރުގެ ކެމަރޫން ތަރި، ސީނިއާ ކްލަބް ލެވެލްގައި އެންމެ ފުރަތަމަ ކުޅުނީ 1997 ވަނަ އަަހަރު ރެއާލް މެޑްރިޑަށެވެ. އަދި އިންޓައަށް ބަދަލުވުމުގެ ކުރިން މަޔޯކާ އާއި ބާސެލޯނާ އަށް ވެސް އޭނާ ކުޅެފައިވެ އެވެ.