14 Aug 2013, 09:54
ޓެސްޓް ޕޭޕަރު ކޮޕީކުރި ގދ. ގައްދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް މުޙައްމަދު ރާޣިބު އަހްމަދާ މެދު ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް އޭނާ ބަދަލުކޮށްފި އެވެ.
ޖޭއެސްސީން ބުނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް އޭނާ ބަދަލުކުރުމަށް ނިންމާފައި ވަނީ ފަނޑިޔާރުން އަމިއްލަ އަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
ރާޣިބު މިހާތަނަށް ހުންނެވީ ގދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގަ އެވެ.
ވ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލުކޮށްދިނުން އެދި ސުޕްރީމްކޯޓަށް ރާޣިބު ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީއާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މަޝްވަރާ ކުރުމަށްފަހު އޭނާ އެ ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ރާޣިބު އައްޔަން ކުރުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެގޮތަށް ލަފާދިން އިރު އޭނާ އަކީ ގދ. ތިނަދޫ މެޖިސްޓްރޭޓުގައި މަސައްކަތް ކުރައްވަމުން ގެންދެވި ގާޒީ އަކަށްވެފައި އެ ކޯޓަށް އަންނާނެ ބަދަލުތަކާއި، މިހާރު އެ ކޯޓުގައި ހުރި މައްސަލަތަކުގެ އަދަދާއި ގދ. އަތޮޅު ޖުޑީޝަލްދާއިރާގައި މެޖިސްޓްރޭޓުން ތިއްބެވި އަދަދުގެ އިތުރުން ވ. އަތޮޅު ޖުޑީޝަލް ދާއިރާގައި މެޖިސްޓްރޭޓުން ގާއިމުވެ ތިއްބެވި ކޯޓުތަކާބެހޭ ގޮތުން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން 2010 ވަނަ އަހަރު ހިންގި ޑިޕްލޮމާ ކޯހެއްގައި ޓެސްޓް ޕޭޕަރު ކޮޕީކުރި މައްސަލައިގައި ރާޣިބު ކޯހުން ވަކިކުރަން ކުއްލިއްޔާގެ ބޯޑުން ނިންމުމުން ރާޣިބު އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެ މައްސަލަ ކުއްލިއްޔާގެ ބޯޑުގައި އިސްތިއުނާފް ކުރި އެވެ.
އެކަމާ ގުޅިގެން ކުއްލިއްޔާގެ ބޯޑުން ވަނީ އެ ކޯހުގައި އޭނާއަށް ބައިވެރިވުމުގެ ފުރުސަތުދެއްވާފަ އެވެ.