ރާއްޖެ އިން ބޭރުން އާސަންދަ މެދުވެރިކޮށް ބޭސްފަރުވާކުރުމަށް ވަރަށް ދިގު ކިޔޫއެއް އަބަދުވެސް އޮވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ ރާއްޖެ އިން ފަރުވާ ލިބެންނެތް ބަލިތަކަށް ފަރުވާ ހޯދުމެވެ. އާސަންދަ މެދުވެރިކޮށް އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދަ މެދުވެރިކޮށް ބޭސް ފަރުވާ ލިބުމަކީ ގިނަ ބަޔަކަށް ލިބުނު ހިތްހަމަޖެހުމަކަށްވި އެވެ. ނަމަވެސް އެ ހިދުމަތް ދިނުމަށް ތަފާތު ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.

އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދާ ބޭރުގެ ހޮސްޕިޓަލްތަކަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ބިލް ދައްކަން ޖެހެނީ ޑޮލަރުންނެވެ. ނަމަވެސް އެ ކުންފުންޏަށް ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބުމުގެ މައްސަލަ ކުރިމަތިވެ ބައެއް ހޮސްޕިޓަލްތަކަށް ވަނީ ބިލުތައް ދައްކަން ދަތިތަކަކާ ކުރިމަތިވެފަ އެވެ. ދާދިފަހުން ލަންކާގެ އަސިރީ ހޮސްޕިޓަލުން ވަނީ އެތަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި އޮތުމުން ހިދުމަތް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. މި މައްސަލަ އާސަންދަ ކުންފުންޏަށް ދިމާވެފައި ވަނީ އެ ކުންފުންޏަށް ކުރިން ޑޮލަރު ވިއްކި ކުންފުނިތަކުން ޑޮލަރު ނުލިބުމެވެ.

"އަޅުގަނޑުމެންނަށް މަހަކު 400،000 ޑޮލަރު ބޭނުންވޭ. މީގެ ކުރިން ކޫއްޑޫ ފިޝަރީޒުން އަޅުގަނޑުމެންނަށް ޑޮލަރު ވިއްކި. ނަމަވެސް މަސްވެރިކަން ހީނަރުވެފައި ވާތީ އެ ކުންފުނިން ވެސް މިހާރު އެކަށީގެންވާ މިންވަރަކަށް ޑޮލަރު ނުލިބޭ. ޑޮލަރު ނުލިބޭ މައްސަލަ ހައްލުކޮށް ދިނުމަށް އަޅުގަނޑުމެން ފިނޭންސް މިނިސްޓަރު އަރިހުގައި ވެސް ދަންނަވައިފިން. ނަމަވެސް މި މައްސަލައަކަށް އަދިވެސް ހައްލެއް ނުލިބޭ،" ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ފޯ ހެލްތު ތޯރިގު އަލީ ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ ޑޮލަރު ހޯދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވެސް އާދޭސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރު ވިއްކަން އެއްބަސްނުވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރު ވިއްކާ ނަމަ މި މައްސަލަ އަޅުގަނޑުމެންނަށް ދިމައެއްނުވާނެ. ފިނޭންސް މިނިސްޓަރު މެދުވެރިކޮށް އެއާޕޯޓްސް ކޮމްޕެނީން ޑޮލަރު ލިބޭތޯ މިދަނީ މަސައްކަތްކުރަމުން. މީގެ ކުރިން އެމްޓީޑީސީން އަޅުގަނޑުމެންނަށް ޑޮލަރު ވިއްކި. ނަމަވެސް މިހާރު އެ ކުންފުނިން ވެސް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

އާސަންދަ ކުންފުންޏަށް ބޭނުންވާ ޑޮލަރު ނުލިބުމަކީ އެ ކުންފުނިންދޭ ހިދުމަތްތަކަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވާނެ ކަމެކެވެ. އެ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން ދަނީ އެކި ފަރާތްތަކުގައި އާދޭސްކުރަމުންނެވެ. ނަމަވެސް ޑޮލަރު ވިއްކުމަށް ބައެއް ކުންފުނިތަކުން ބޭނުންނުވާތީ ކުރިޔަށް އޮތްތަނުގައި އާސަންދަ ހިދުމަތް ބޭރުގެ ހޮސްޕިޓަލްތަކުން ހުއްޓާލުމުގެ ބިރު އެބައޮތެވެ. ނަމަވެސް އެންސްޕާ އިން ޑޮލަރު ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

"އިހައްދުވަހު އަޅުގަނޑުމެންނަށް އެސްޓީއޯ އިން 100،000 ޑޮލަރު ވިއްކައިފި. ނަމަވެސް އެއީ ވަރަށް މަދުމިންވަރެއް. ބޭންކަކުން ޑޮލަރެއް ނުވިއްކާ. އަޅުގަނޑުމެންގެ އަތުގައި ފައިސާ ހުރި ނަމަވެސް ޑޮލަރު ނުލިބޭ ނަމަ ކިހިނެތްތޯ ބޭރުގެ ހޮސްޕިޓަލްތަކަށް ފައިސާ ދައްކާނީ. އެއާޕޯޓްސް ކޮމްޕެނީ ކަހަލަ ކުންފުނިތަކުން ޑޮލަރު ވިއްކާ ނަމަ މި މައްސަލަ ދިމާނުވާނެ،" ތޯރިގު ވިދާޅުވި އެވެ.

ޑޮލަރު ނުލިބުމުގެ މައްސަލައަކީ ހަމައެކަނި އާސަންދައަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެ މައްސަލައަކީ މިހާރު ހުރިހާ ފަރާތްތަކަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރުގެ 840 މިލިއަން އާސަންދައަށް ހަރަދުކުރިއިރު މި މައްސަލަ މިހާ ބޮޑުވެގެނެއް ނޫޅެން. މިހާރު ވެސް މި މައްސަލަ ހައްލުވާނެ ޑޮލަރު ލިބޭ ސަރުކާރު ކުންފުނިތަކުން އަޅުގަނޑުމެންނަށް ޑޮލަރު ވިއްކާ ނަމަ،" އޭނާ ވިދާޅުވި އެވެ.

ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ ޑޮލަރު ހޯދުމަށް އެންސްޕާ އިން ދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ. އެކަމަށް އެކި ފަރާތްތަކުގައި ދަނީ އާދޭސްކުރަމުންނެވެ.