މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާ އިރު މި އަހަރުގެ ޖުލައި މަހު ރާއްޖެ އަށް މުދާ އެތެރެކުރި މިންވަރު 16 ޕަސެންޓް އިތުރުވެފައިވާ އިރު، ރާއްޖެ އިން މުދާ އެކްސްޕޯޓް ކުރި މިންވަރު 19 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އަށް 1.9 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު މި އަހަރުގެ ޖުލައި މަހު ވަނީ 2.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 13.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު މި އަހަރު އެ މުއްދަތުގައި އެތެރެކޮށްފައި ވަނީ 15.2 ބިލިއަން ރުފިޔާގެ މުދަލެވެ.

އެކްސްޕޯޓް ކުރި މިންވަރަށް ބަލާ އިރު މިދިޔަ ޖުލައި މަހު 147 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު މިދިޔަ އަހަރު އެމަހު ވަނީ 182 މިލިއަން ރުފިޔާގެ މުދާ އެކުސްޕޯޓްކޮށްފަ އެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އިން 1.5 މިލިއަން ރުފިޔާގެ މުދާ ވަނީ އެކުސްޕޯޓް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 11 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޖުލައި މަހު ރާއްޖެ އިން މުދާ އިމްޕޯޓް ކުރި މިންވަރު އިތުރުވެ އެކްސްޕޯޓް ކުރި މިންވަރު ދަށަށް ގޮސްފައިވާ އިރު އެ މަހުގެ ތެރޭގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވެސް ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަސްޓަމްސް އަށް ވަނީ އާމްދަނީގެ ގޮތުގައި 130 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ކަސްޓަމްސް އަށް ލިބިފައި ވަނީ 110 މިލިއަން ރުފިޔާ އެވެ. އަދި މިއަހަރުގެ މިހާތަނަށް ވަނީ 883 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ވަނީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފަ އެވެ.