13 Nov 2010, 12:58
"މިއުޅެނީ އެންމެ 100 ޑޮލަރު ނުލިބިގެން" ބޭންކް އޮފް މޯލްޑިވްސްގެ މަޖީދީމަގު ބުރާންޗް ކުރިމަތީގައި ހުއްޓިލައިގެން ހުރި މީހަކު ބުނެލި އެވެ؛ މިއީ ހެނދުނު އިރު އަރައިގެން އަންނަ ވަގުތު ބޭންކުތަކުގެ ކުރިމަތިން އިވެމުން އަންނަ އަޑުތަކެވެ. އެތައް ބަޔަކު ސަފު ހަދައިގެން ބޭންކުތަކުގެ ދޮރު ހުޅުވައިލާނޭ ކަމުގެ އިންތިޒާރުގައި ތިބެނީ ހެދުނުގެ އަރާމު ނިދިކޮޅާއި ނާސްތާ ދޫކޮށްލައިފަ އެވެ. އެމީހުން އެ ތިބެނީ ހަމަ އެއްމެ ޑޮލަރެއް ވިޔަސް ލިބޭތޯ އެވެ.
"އެންމެ 100 ޑޮލަރު" ކީއްކުރަން ހެއްޔެވެ؟ "އެންމެ ޑޮލަރެއް" ހޯދުމަށް ވެސް މިއަދު މިވަނީ ދިވެހިން ސަލާން ޖަހަންޖެހިފަ އެވެ. ހުއްދަ ނުވިޔަސް ޑޮލަރުގެ ކަޅު ބާޒާރުގައި އެނބުރެން މަޖުބޫރުވެފަ އެވެ.
ދިވެހި ބޭންކްގެ ގޮފިތަކުގެ ކުރިމަތީ ޑޮލަރު ހޯދުމަށް ހަދާ ދިގު ސަފުތަކަކީ ތަފާތު އެތައް ވިޔަފާރިތަކެއް ސިއްރުގަ އާއި ފާޅުގައި ކުރެވެމުން އަންނަ މަންޒިލެކެވެ. އެއްބަޔަކު ސަފުގެ ކުރީގައި ޖެހި ބެންކުން ދޫކުރާ ޓޯކަން ނަމްބަރު ލިބިގަނެ އެ ނަމްބަރުތައް ޑޮލަރު ބޭނުންވާ މީހުންނަށް ވިޔަފާރީގެ އުސޫލުން ވިއްކަމުން ދެ އެވެ. އަނެއް ބަޔަކު ކަޅު ބާޒާރުގައި ޑޮލަރު ގެންދަނީ ބޮޑު އަގުގައި ވިއްކަމުންނެވެ. މިއަހަރު ރާއްޖެ އިން ހައްޖަށް މީހުން ފުރަން ތައްޔާރުވަމުން ދިޔަ ދުވަސްކޮޅުގައި މިކަން އޮތީ ހައްދުފަހަނަޅައިފަ އެވެ. މި ހުރިހާ ކަމަކާ އެކު މިއަދު ޑޮލަރުގެ ބާޒާރު ސިފަކުރެވިދާނެ ގޮތް ކިޔައިދިނުމަކީ އާދަޔާ ހިލާފު ކަމަކަށް އޮންނަނީ ވެފަ އެވެ.
ޑޮލަރުގެ ތާށިކަމެއް ކުރިމަތިވީ ކީއްވެ، ކިހިނެއް ވެގެންތޯ އެއީ އެންމެން ވެސް ކުރާ ސުވާލެވެ. އެއްބަޔަކު "ޑޮލަރު" ސިޔާސީ ކޮށްފައިވާ އިރު ޑޮލަރުގެ މައްސަލައިގައި ހިޔާލީ ރައުޔެއް ނެރޭ މީހުން ވެސް މަދެއް ނޫނެވެ.
އިގްތިސާދީ ނަޒަރަކުން ބަލާ ނަމަ މަންޒަރު ވަރަށް ތަފާތުވާނެ އެވެ. ހަގީގަތުގައި މިކަމުގެ އަސްލު ފެށުން ގުޅިފައި ވަނީ ތަންކޮޅެއް ދުރަށެވެ. ބޮއްސުންލައިގެން ދިޔަ މާލީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ސުނާމީ ހާދިސާ އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަޅުގަނޑަކަށް ވެއްޓި ރާއްޖެ އަށް ބޭރު ފައިސާ ވަންނަމުން ދިޔަ ދޮރުތަކެއް ލެއްޕުނެވެ. އެއާއެކު މީހުންގެ އަތް މަތި ދަތިވެ އޭރުގެ ސަރުކާރަށް މަޖުބޫރުވީ ލޯ މަރާފައި އިގްތިސާދުގެ ތެރެއަށް ރުފިޔާ ޕަންޕު ކުރާށެވެ.
ސަރުކާރުގެ އެއް ބޭނުމަކަށް ވާނީ ރައްޔިތުންގެ އަތް މަތި ތަނަވަސްކޮށް އުފާވެރިކަން ގެނެސް ދިނުމެވެ. އަނެއް ބޭނުމަކަށް ވާނީ އިގްތިސާދު ކޮޅަށް ޖެހުމެވެ. އިތުރު ފައިސާ ޖަހައި އިގްތިސާދުގެ ތެރެއަށް އިތުރަށް ދޫކޮށްލެވުނީ އެހެން ވެގެނެވެ. ނަމަވެސް ޕަންޕުކުރެވުނު ފައިސާ ތަފާތު އިގްތިސޯދީ މަސައްކަތްތަކުން ދައުރުވާނޭ ހެޔޮ ގޮތެއް ނުފެނި އުޅެނިކޮށް ބޯ މަތިވެގެން އައީ ރިޔާސީ އިންތިހާބެކެވެ.
އެދުވަސް ވަރާ ދިމާކޮށް މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގައި ޑޮލަރު ނެތް މިންގަނޑަށް އިގްތިސާދީ މަސައްކަތްތަކުގެ ކުރި ފަޅައިގެން އަންނަން ފެށި އެވެ. ޑޮލަރަށް ރައްޔިތުން ބޭނުން ޖެހުނު މިންވަރު ބޮޑުތަނުން އިތުރުވި އެވެ.
ސުނާމީގައި އެތަކެއް ރިސޯޓުތަކެއް ހަލާކުވެ މަރާމާތަށް ބަންދު ކޮށްފައިވުމުން ރާއްޖެ އަށް ބޭރު ފައިސާ ވަންނަމުން ދިޔަ މިންވަރު އޮތީ ދަށްކޮށެވެ. ލިބުނު ބޭރު ފައިސާއެއް ނަމަ ވަންނަމުން ދިޔައީ ބޭރުކުރެވެމުން ދިޔަ މަހުގެ ބާވަތް ތަކުންނެވެ. މަހުގެ ބާވަތްތަކޭ ދެންނެވިޔަސް އެއީ ނިސްބަތުން މަދު މިންވަރެކެވެ. ރާއްޖޭގައި ބޭރު ފައިސާ އަށް ބޭނުން ޖެހޭ މިންވަރަށް އިތުރަށް ބާރު ބޮޑުވަމުން ދިޔައީ އެހެންވެ އެވެ.
އެ ހާލަތުގައި ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ބޭރު ފައިސާ ވަންނާނެ ހުރީ މަދު ދޮރުތަކެކެވެ. އެއީ ޓޫރިޒަމާއި މަސްވެރި ކަމެވެ. މިދެ ސިނާއަތް ވެސް ވަނީ ސީދާ ގޮތުން ބޭރުގެ އިގްތިސާދަށް ބަރޯސާވެފަ އެވެ. އެހެން ވުމުގެ ސަބަބުން 2009 ވަނަ އަހަރު ދުނިޔެ އަށް ކުރިމަތިވި ދެ ވަނަ ރެސިޝަނާ އެކު އިގްތިސާދުތައް ހީނަރުވާން ފެށީ އެވެ. ޓޫރިސްޓުން ރާއްޖެ އައުން ދައްވެގެން ދިޔަ އެވެ. މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު ކުޑަވަމުންދިޔަ އެވެ. މީހުންގެ އަތުގައި ފައިސާ ހުންނަ މިންވަރު އިތުރު ވުމުގެ ސަބަބުން ތަކެއްޗާއި ހިދުމަތްތަކަށް މީހުން ޑިމާންޑު ކުރާވަރު ދިއައީ އިތުރު ވަމުންނެވެ. ރާއްޖޭގެ ނާޒުކު އިގުދިސާދު "ބިކަ" ވަމުން ދިޔައީ ހީވެސް ނުކުރާހާ ބާރަށެވެ.
ހަމައެއާއެކު ތަކެތި އެތެރެ ކުރެވޭ މިންވަރު އިތުރުވެގެން ދިޔުމުން ބޭރު ފައިސާ ރާއްޖެ އިން ބޭރުކުރެވޭ މިންވަރު ދިޔައީ އިތުރުވަމުންނެވެ. ބޭރު ފައިސާ ވަންނާނޭ ދޮރުތަކެއް ނެތް ތާނގައި ލިބޭނެ މަގުވެސް ބެދުނީ އެވެ.
އޭގެ ނަތީޖާއަކީ އާ ސަރުކާރަށް ހިންދެމި ނުލެވިގެން އުޅެނިކޮށް ރާއްޖެއިން ޑޮލަރު ހުސްވުމާއި ގާތަށް ގޮސް ވައުދުތައް ފުއްދުމުގެ ނަމުގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްލުމެވެ. އޭގެން ނުކުތް ނަތީޖާއަކީ ޑޮލަރުގެ ތާށިކަން އިންތިހާ ދަރަޖައަށް ބޮޑު ވުމެވެ.
މި ހުރިހާ ސަބަބެއް އެކުވެގެން ދެން ނުކުތީ ނުކުންނަން ޖެހޭ ނަތީޖާ އެވެ. އެއީ "ކޮމާންޑް އެކޮނޮމީ"ތަކުގައި ނުކުންނަ ފަދަ ކިޔު ޖެހުމުގެ މައްސަލަ އެވެ. ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ބޮޑު އަގުގައި ޑޮލަރު ވިއްކަފެށުމުގެ ބަލި ހިލިގަތުމެވެ.
ސަރުކާރަށް ލޯ ހުޅުވައިލެވުނީ ވާނެ "ހައެތި" ވީ ފަހުންނެވެ. ދެން ބެލީ އެކްސްޗޭންޖް ރޭޓާ ކުޅޭށެވެ. އެކަމަށް ގަސްދުކުރި އިރު އެކަން ވާކަށް ނެތެވެ. ބޭރު ފައިސާ ވެއްދޭނެ ދޮރުތައް އިތުރު ކުރުމަށް ހަމައެކަނި ކުރެވެން އޮތް ހާވެސް ކަމަކަށް ފެނުނީ ބޭރުގެ އިންވެސްޓަރުން ގެނައުމެވެ.
ސުވާލަކީ އިންވެސްޓަރުން ގެނެސްގެން ހައްލު ހޯދޭނެ ހެއްޔެވެ؟
ބޭރުގެ އިންވެސްޓަރުން އިންވެސްޓުކުރިޔަސް ނުވަތަ އެފަދަ ގޮތްގޮތުން ބޭރު ފައިސާ ލިބުނަސް އެ ފައިސާ ރާއްޖެ އަންނަމުން ދާނީ ބައިބަޔަށެވެ. މީގެ މާނައަކީ ދިވެހިންނަށް ކުރިމަތިލާންޖެހިފައިވާ ޑޮލަރުގެ ތާށިކަމަށް ލިބޭނޭ ހައްލެއް އެ ކަމުން ނެތުމެވެ.
ބޭނުން ވަނީ މިހާރުގެ ޑިމާންޑް ހުރި ވަރަށް ބޭރު ފައިސާ ބާޒާރަށް ނެރުމަށެވެ. ދެންއޮތީ މީގެ އަނެއް ކޮޅެވެ. ރާއްޖެ އަންނަ ބޭރު ކުންފުނިތަކަށް ލިބޭ ފައިދާގެ ބޮޑު ބައެއް ރާއްޖެ އިން ބޭރުވެގެންދާ ކޮޅެވެ. ޑޮލަރު އެތެރެވާ ވަރަށް ވުރެ ޑޮލަރު ބޭރުވާ ވަރު އިތުރުވެގެންދާ ކޮޅެވެ.
އެ ވާހަކަ ބަހައްޓާފައި އެކްސްޗޭންޖް ރޭޓް ނަގަމާ ހެއްޔެވެ؟ ފްލޯޓިން ނޫނީ ބަދަލު ވަމުންދާ އެކްސްޗޭންޖް ރޭޓެއް އޮތުން އެއީ އުސޫލެއްގެ ގޮތުން އެކަން އޮންނަން ޖެހޭ ގޮތްކަމަށް އިގުތިސޯދީ މާހިރުން އެއްބަސްވެ އެވެ. އެކަމަކު ރާއްޖޭގެ ނާޒުކު އިގްތިސޯދުގައި އެކްސްޗޭންޖް ރޭޓް ފްލޯޓް ކުރުމުން އިގްދިސޯދު ނެގެހެއްޓިދާނެތޯ ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ.
ރާއްޖެއަކީ ހުރިހާ ބާވަތެއްގެ މުދާ ބޭރުން އެތެރެކުރާ ގައުމަކަށް ވުމުން އެކްސްޗޭންޖް ރޭޓް ފުލޯޓް ކޮށްފިނަމަ މިހާރަށްވުރެ ތަކެތީގެ އަގުތަށް ބޮޑުވެ ރައްޔިތުންނަށް ބުރަހެލިކަން އިހުސާސް ކުރަން ޖެހޭނެ އެވެ. އެކަހަލަ ހާކަލަތެއްގައި އިގްތިސޯދު ސިފަވާނީ "ވަޅަކަށް ވެއްޓިފައި އޮންނަ އެތެއް" ގެ ސިފައިގަ އެވެ. އެހެން ކަމުން ޑޮލަރުގެ ތާށިކަން ފިލުވުމަށް ސަރުކާރުގެ ވިސްނުމުގައި އޮންނަ އެކްސްޗޭންޖް ރޭޓް ފްލޯޓް ކުރުމުގެ ހިޔާލަކީ ބޯދާ ވިސްނުމެކެވެ.
މިވަގުތަށް އޮތް ހައްލަކީ މިހާރުން މިހާރަށް ވެސް ބޭރު ފައިސާ ލިބޭނޭ ގޮތްތަކެއް ހަމަޖެއްސުމާއެކު، އާ ނަޒަރަކުން އިގްތިސާދީ އާ މިންގަނޑެއް އެކުލަވައިލުމެވެ. ރައްޔިތުންގެ އަތުގައި ފައިސާ ހުންނަ މިންވަރާ ދައުރުވާ މިންވަރު ވަކި މިންގަނޑަކަށް ކޮންޓްރޯލް ކުރުމެވެ. ވިސްނައިގެން އިގްތިސާދީ ރަނގަޅު ނިޒާމެއް އެކުލަވާލެވިއްޖެ ނަމަ ސިންގަޕޫރާއި ޗައިނާ ފަދަ ގައުމުތަކުގައި އެކްސްޗޭންޖް ރޭޓް ހުންނަ ގޮތަށް ދަށްކޮށްފައި ބެހެއްޓިދާނެ އެވެ. އޭރުން ޑޮލަރުގެ ކަޅު ބާޒާރު އޭގެ އަމިއްލަ ޒާތުގައި އުވިގެންދާނެ އެވެ. ރައްޔިތުން ޑޮލަރަށް ސަލާންޖެހުމުގެ ސަފުތައް ރޫޅިގެންދާނެ އެވެ.