ޕީޕީއެމްގެ ސަރުކާރެއްގައި ސަރަހައްދީ މަރުކަޒުތަކުގައި ސިފައިންނާއި ފުލުހުނަށް އާއިލާއާ އެކު ތިބެވޭނެގޮތަށް އެކަމޮޑޭޝަން ހަމަޖައްސަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މަރުކަޒީ އެހެނިހެން ސަރަހައްދުތަކުގައި ވެސް އާއިލާތަކާ އެކީ ސިފައިންނާ ފުލުހުންނަށް އުޅެވޭނެ އެކަމޮޑޭޝަން ޕީޕީއެމްގެ ސަރުކާރެއްގައި ހަމަޖައްސަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ފުލުހުންނަށާއި ސިފައިންނަށް ކަށަވަރުކޮށްދެއްވަން ބޭނުންވަނީ މާލޭގަ އާއި ހުޅުމާލޭގަ އާއި އަދި މިދެންނެވި ގޮތަށް މަރުކަޒީ ސަރަހައްދުތަކުގައި ސިފައިންނާއި ފުލުހުންނާއި ސްޓޭޝަން ވެގެން ތިބޭ ތަންތަނުގައި އެ ރަށްރަށުގައި ނޫނީ އެ ރަށްރަށުގެ ކައިރީގައި ސިފައިންނާ ފުލުހުންގެ އާއިލާތަކާ އެކީ ތިބެވޭ ގޮތަށް ފެމެލީ އެކަމޮޑޭޝަނެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ،" ޔާމީން ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންނަށް ފުރައްސާރަކޮށް އަނިޔާ ކުރުމަކީ ޕީޕީއެމްގެ ސަރުކާރެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި އެމީހުންނަށް ފުރަތަމަ ފަހަރަށް އަނިޔާއެއްކޮށްފި މީހަކަށް ދެވަނަ ފަހަރަށް އެކަން ކުރަން ޖެހިލުންވާ ވަރުގެ އަދަބުދޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ސަލާމާތްތެރިކަމާ އަމާނާތްތެރިކަމާ އެކު ސިފައިންނާއި ފުލުހުންނަށް އެމީހުންގެ ގާނޫނީ ޒިންމާ އަދާކުރެވޭ ވަރުގެ ބާރުވެރިކަން ގާނޫނީގޮތުން ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.