13 Aug 2013, 22:43
މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އެކު ކޯލިޝަން ހަދަން ނިންމައިފި އެވެ. އެކަން ނިންމާފައި ވަނީ ކޯލިޝަން އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދެ ޕާޓީން ކަނޑައެޅި ޓީމުން މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު މިރޭ ވިދާޅުވީ އެމްޑީއޭ އިން ޕީޕީއެމާ އެކު ކޯލިޝަން ހަދަން ނިންމީ ޕީޕީއެމް އަކީ މި ވަގުތު ރާއްޖޭގެ ވެރިކަމަށް އައުމުގެ ފުރުސަތު އެންމެ ބޮޑު ޕާޓީ އަށް ވުމުގެ އިތުރުން ރައްޔިތުން އެދޭ ފަދަ ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމާއި ތަރައްގީ ގައުމަށް ގެނެސްދެވޭނެ ޕާޓީ އަކީ ޕީޕީއެމް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
އޭނާ ވިދާޅުވީ މިރޭ ކޯލިޝަން މަޝްވަރާ ކޮމެޓީން ނިންމި ނިންމުން ޕާޓީގެ މައި ކައުންސިލުން ނިންމައި، ރިޔާސީ އިންތިޚާބުގެ ރަސްމީ މަސައްކަތްތައް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ފަށާނެ ކަމަށެވެ. އެ ގޮތުން ޕީޕީއެމާ ގުޅިގެން ވަރަށް ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ކުރިޔަށް އޮތް ދުވަސް ތަކުގެ ތެރޭގައި ކުރިޔަށް ގެންދަން އެމްޑީއޭ އިން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި މި ގޮތަށް ނިމުމާ ގުޅިގެން، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ކޯލިޝަން ކޮމެޓީ އާއި ބައްދަލު ކުރައްވައި، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަށާއި ނައިބު ލީޑަރުންނަށާއި ކައުންސިލް މެންބަރުންނަށާއި އާންމު މެންބަރުންނަށް ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމްޑީއޭ ޕީޕީއެމް އާއި ގުޅުމުން ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވޭނެ ކަމުގެ އުއްމީދު ބޮޑުވެއްޖެ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.