މާލޭ ހުޅަނގު އާ ހާބަރު ސަރަހައްދު 25 އަހަރު ދުވަހަށް ތަރައްގީކޮށް ހިންގުމަށް ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެޓާނީ ޖެނަރަލްގެ އޮފީހުން ސިވިލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ސިވިލް ކޯޓުގައި ދައުލަތުން އެފަދަ އަމުރަކަށް އެދުނީ އާ ހާބަރު ސަރަހައްދު ތަރައްގީކޮށް ހިންގުމަށް ބީލަމުގެ އުސޫލުން ދިނުން ހުއްޓުވުމަށް އޭޖީން ކުރާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމެއްގަ އެވެ.

ޑެޕިއުޓީ ސޮލިސިޓާ ޖެނަރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވީ އާ ހާބަރު ސަރަހައްދު ތަރައްގީކޮށް ހިންގުމުގެ އެއްވެސް ކަމެއް ނުކުރުމަށް މާލޭ ސިޓީ ކައުންސިލާއި އެ ކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. މިއަދުގެ ޝަރީއަތުގައި ސިޓީ ކައުންސިލުން އެ އަމުރާ މެދު ޖަވާބުދާރީވުމަށް އެދިފައިވާ ކަމަށާއި ބުރާސްފަތި ދުވަހު ބާއްވާ ޝަރީއަތުގައި ސިޓީ ކައުންސިލުން ޖަވާބުދާރީވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި ސިޓީ ކައުންސިލުން ޖަވާބުދާރީވުމުން ފައިސަލާ ކުރަނިވި އަމުރެއް ކުރާނެ ކަމަށް ސިވިލް ކޯޓުން ބުނެފައިވާ ކަަމަށް އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ހާބަރު ކުއްޔަން ދިނުމަށް އިއުލާންކުރި ބީލަމަކީ ބާތިލު ބީލަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނިކޮށް، އެތަން 25 އަހަރަށް ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ނުކުރެވޭނެ ކަމަށާއި އެކަން ސިޓީ ކައުންސިލުން ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ މައްސަލާގައި ސިވިލް ކޯޓުން އިހުމާލުވެފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް އޭޖީން ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.