ރަޝިޔާގެ ސާވޭ ބޯޓެއް އިންޖީނު ހުއްޓިގެން ހއ. ތުރާކުނާ ދިމާލުން ރާއްޖެ އަށް ލައްގަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރަޝިޔާގެ "އެކެޑެމިކް ނިކޮލައި ސްޓްރަކޯވް" ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ލައްވަމުން ދަނީ އެ ބޯޓުގެ އިންޖީނުގެ ޝާފްޓަށް ދިމާވި މައްސަލައެއްގެ ސަބަބުން އިންޖީނު ހުއްޓުމާއި ގުޅިގެން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރަޝިޔާގެ 38 މީހުންނާއި އިންޑިއާގެ ހަތަރު ފަޅުވެރިންނާ އެކު ދަތުރުކުރާ ބޯޓުގެ އިންޖީނު ހުއްޓުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ލައްވާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ކަމަށެވެ.

އެ ބޯޓު މިހާރު އޮތީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 32 ނޯޓިކަލް މޭލު ބޭރުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓަކީ 75 މީޓަރުގެ ހުދު ދަވާދު ލާފައިވާ ބޯޓެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ބޯޓު ކައިރީގައި އިންޑިޔާގެ ކޯސްޓްގާޑް އުޅަނދެއް ޙަރަކާތްތެރިވަމުންދާ ކަމަށާއި ބޯޓު ކަފުޖެހުމަށް ޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ "ވީރު ޓަގް" މާލެ އިން ފުރާފައިވާ ކަމަށެވެ. ޓަގަށް ބޯޓު އޮތް ހިސާބަށް ދެވޭނީ މާދަމާ ގާތްގަނޑަކަށް މެންދުރު 12:00 ޖަހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޯޓު ގެނައުމަށް ހަމަޖެހިފައި ވަނީ މާލެއަށް ކަމަށް ބޯޓުގެ އެޖެންޓް "އޮރިއެންޓަލް އެކްސްޕްރެސް" އިން މަޢުލޫމާތުދެ އެވެ. މިހާރު މިބޯޓު އޮޔާ ދަނީ ހއ. އަތޮޅާ ދިމާލަށް ގަޑިއަކު ފަސް މޭލު ބާރުމިނުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.