ލިވަޕޫލްގެ ވިންގާ ސްޓެއަޓް ޑައުނިން ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ވެސްޓް ހެމްއަށް ސޮއިކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 29 އަހަރުގެ އިންގްލެންޑް މިޑްފީލްޑަރު ވެސްޓް ހެމްއަށް ބަދަލުވެފައިވަނީ ގާތްގަނޑަކަށް ފަސް މިލިއަން ޕައުންޑުގެ ފީއަކަށެވެ.

"އަހަރެން މިހިރީ ވަރަށް ބޮޑަށް އުފާވެފައި. މިއީ އަހަންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. މިފަދަ ބޮޑު ކްލަބަކަށް ކުޅެން ލިބުމުން ވަރަށް އުފާވެއްޖެ،" ޑައުނިން ބުންޏެވެ.

ޑައުނިން ބުނީ، ޕްރިމިއަ ލީގުގައި ވެސްޓް ހެމް ކުޅޭ ފުރަތަމަ މެޗުގައި ކާޑިފް ސިޓީއާ ދެކޮޅަށް ނުކުރުމަށް އޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި ފިޓްނަސްގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށެވެ.

"މި ހުރިހާ ކަމެއް ނިމިގެން ދިޔައީ ހީވެސް ނުކުރާހާ ކުއްލި ގޮތަކަށް. އަހަރެން ބޭނުން ހޮނިހިރު ދުވަހުގެ މެޗުގައި ކުޅެން،" ޑައުނިން ބުންޏެވެ.

ޑައުނިން އެންމެ ފުރަތަމަ ޕްރޮފެޝަނަލް ލެވެލްގައި ކުޅެން ފަށާފައިވަނީ އުމުރުން 17 އަހަރުގައި 2002 ވަނަ އަހަރު މިޑްލްސްބަރާ އަށެވެ. މިޑްލްބަރާ ޕްރިމިއާލީގުން ރެލިގޭޓް ވުމާގުޅިގެން 2009 ވަނަ އަހަރު އެސްޓަން ވިލާއާ އޭނާ ގުޅުނެވެ. އަދި 2010-2011 ސީޒަންގައި ވިލާގެ އެންމެ މޮޅުކުޅުންތެރިޔާގެ ގޮތުގައި އޭނަ ހޮވި އެވެ.

ޑައުނިން ލިވަޕޫލާ ގުޅުނީ 2011 ވަނަ އަހަރު 20 މިލިއަން ޕައުންޑުގެ ފީއަކަށެވެ. އަދި ކެނީ ޑަލްގިޝްގެ ކޯޗު ކަމުގައި ލިވަޕޫލް ކާލިންކަޕް ހޯދި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ނަމަވެސް ލިވަޕޫލްގެ މިހާރުގެ ކޯޗު ބްރެންޑަން ރޮޖާގެ ޓީމުން އޭނާއަށް މާބޮޑު އަހަންމިއްޔަތުކަމެއް ލިބޭގޮތެއް ނުވިއެވެ.

ޑައުނިން އަކީ ވެސްޓް ހެމްއަށް މި ފެށޭ ސީޒަނަށް ސޮއިކުރި ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެޓީމަށް ގެނައި ކުޅުންތެރިންގެ ތެރޭގައި 15 މިލިއަން ޕައުންޑަށް ގެނައި ލިވަޕޫލްގެ އިންގްލެންޑް ފޯވަޑް އެންޑީ ކެރޯލް، ޝަކްތާގެ ރަޒްވާން ރަތު، ރެއާލް ބެޓިސްގެ އެޑްރިއާން އަދި ސްޓޮކްޕޯޓްގެ ޑެނީ ވައިޓްހެޑް ހިމެނެ އެވެ.