13 Aug 2013, 20:15
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިތުރު ދައުރަކަށް ވެރިކަމަށް ވަޑައިގެންފި ނަމަ 10،000 އަށް ވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ގްލޯނެޓްގެ ފަރާތުން މިއަދު ފެށި ޔުނިވާސިޓީ އެޑިއުކެޝަން ފެއާ ހުޅުއްވައިދެއްވުމަށް ފަހު އެޑިއުކޭޝަން މިނިސްޓަރު އާސިމް ވިދާޅުވީ ސްކޫލް ނިންމާ ދަރިވަރުންގެ މަތީ ތައުލީމަށް އެޅޭ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ތަނަވަސްކަން ނެތުން ކަމަށާއި ރައީސް ވަހީދުގެ ސަރުކާރެއްގައި ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެ ފުޅާ ވެގެންދާނޭ ކަމަށެވެ.
"އެމަނިކުފާނު މިހާރު ވަނީ ވިދާޅުވެފަ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެމަނިކުފާނު [ރައީސް ކަމަށް] ހޮވިއްޖެއްޔާ މަތީތައުލީމް އިތުރަށް ކުރިއެރުވުމަށް ޓަކައި މިހާރަށް ވުރެއްވެށް ފަހި ފުރުސަތުތަކެއް ހޯދަދޭނެ ކަމަށް. އަޅުގަނޑުމެންގެ އަމާޒަކީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި 10،000 އަށް ވުރެ ގިނަ ކުދިންނަށް ލޯނުގެ ފުރުސަތު ދިނުން،" ޑރ. އާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މީގެކުރިން މަތީތައުލީމުގެ ފުރުސަތުތައް ތަނަވަސްކޮށް ނުދެވޭ މިންވަރަށް ރައީސް ވަހީދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން މަތީ ތައުލީމުގެ ފުރުސަތު ފޯރުކޮށްދެވުނު ކަމަށާއި މިދިޔަ އަހަރު އެކަނި ވެސް އެތައް ސަތޭކަ ދަރިވަރަކަށް އެފަދަ ފުރުސަތުތައް ހޯދައިދެވިފައިވާ ކަމަށެވެ.
މިއަހަރުގެ ތެރޭގައި 900 އަށް ވުރެ ގިނަ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލާނެކަމަށް ވެސް މިނިސްޓަރު އާސިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ފުރުސަތު ރައީސް ވަހީދަށް ލިބިވަޑައިގެންފި ނަމަ "ޔުނިވާސިޓީ ގްރާމް"ގެ ނަމުގައި ސްކީމެއް ތައާރަފްކުރައްވާނެކަމަށާއި އެ ސުކީމްގެ ދަށުން ޓީޗަރުންނަށް ރިސާޗް ކުރެވޭނެ މަގުފަހިވެގެން ދާނެކަމަށް ވެސް އާސިމް ވިދާޅުވި އެވެ.
"ޔުނިވާސިޓީ ގްރާމް ސުކީމްގެ ބޭނުމަކީ ޔުނިވާސިޓީ ޓީޗަރުންގެ، ރިސާޗް މަސައްކަތްތަކަށް އެހީތެރި ވެދިނުމާއި ޔުނިވާސިޓީ އޭގެ ޒާތުގަ އެއީ ރަގަނޅު ރިސާޗްތައް އެކުލެވޭ، ކުދިންނަށް އޭގެ ފައިދާވާ ތަނަކަށް ހެދުމަށް ޓަކައި،"އާސިމް ވިދާޅުވި އެވެ.