އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންސްގެ ހެޑް ހަނީފާ ހާލިދުގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި އަމަލު ކުރައްވާފައިވާ ގޮތުން އޭނާއާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހަނީފާއާ މެދު ފިޔަވަޅު އެޅުމަށް އޭސީސީން އިލެކްޝަންސް އަށް އަންގާފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީން އޭނާގެ މައްސަލަ މީޑިއާގައި ފެންމަތި ކުރުމުގެ ކުރިންނެވެ. ހަނީފާއާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް އަށް އެންގީ އޭނާގެ ފިރިކަލުން ޑރ. އަހުމަދު އަޝްރަފް އެމްޑީޕީގެ ޓިކެޓްގައި އުނގުފާރު ދާއިރާ އަށް ވާދަކުރެއްވި އިރު، ކޮމިޝަންގެ އިސް މުވައްޒަފެއްގެ ގޮތުގައި ހުންނަވައި "ކުރައްވަން ނުވާވަރުގެ ކަމެއް" ކުރި ކަމަށް ތުހުމަތުކޮށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ހަނީފާގެ ފިރިކަލުން ޑރ. އަޝްރަފް އުނގޫފާރު ދާއިރާ އަށް ވާދަކުރެއްވި އިރު، އިލެކްޝަންސް ކޮމިޝަނެއްގެ އިސް ބޭފުޅަކަށް ހުންނަވައިގެން ކުރައްވަން ނުވާވަރުގެ ކަންތައްތައް ޝޯޝަލް މީޑިއާމެދުވެރިކޮށް ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހަނީފާއާ މެދު "ފިޔަވަޅު އަޅަން" އިލެކްޝަނަށް އެންގެވި ކަމަށާއި އެކަމާ ގުޅިގެން އިލެކްޝަންސް އިން ފިޔަވަޅު ވެސް އެޅި ކަމަށް ލުތުފީ ވިދާޅުވި އެވެ.

ނަމަވެސް އިލެކްޝަންސްގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ އެފަދަ ޝަކުވާއެއް އޭސީސީ އިން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުގައި ފަޔާޒު ވިދާޅުވީ ހަނީފާއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތައް ނިމެންދެން އޭނާ ވަނީ ރިޔާސީ އިންތިހާބާ ގުޅުން ހުރި ހުރިހާ މަސައްކަތްތަަކުން ދުރުކޮށްފައި ކަމަށެވެ.

ހަނީފާއާ ގުޅޭ ގޮތުން ޕީޕީއެމާއި ޖުމްހޫރީ ޕާޓީން އިލެކްޝަންސް އަށް ޝަކުވާތަކެއް ހުށަހެޅި ދުވަހު ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދައުލަތުގެ އެންމެ މަތީ ލަގަބު ލިބިވަޑައިގެންނެވުމުން "އެއީ ލެއިން ތަތްތެޅިފައިވާ އެވޯޑެއް ކަމަށް" ބުނެ ހަނީފާ ޓްވީޓު ކުރެއްވި ކަމަށެވެ.

ސިޔާސީ ބޭފުޅުންނަށް ފާޑުވިދާޅުވެ، ސިޔާސީ ޓުވީޓް ކުރައްވާ ބޭފުޅަކު އިލެކްޝަންސްގެ އެފަދަ މަގާމެއްގައި ހުންނެވުމަކީ އިންތިހާބާ މެދު އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް މަހްލޫފު ވަނީ ވިދާޅުވެފަ އެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަނީފާއާ ގުޅޭ ގޮތުން އޭޓާނީ ޖެނަރަލްގެ އޮފީހުން ވެސް ދަނީ މައްސަލަތަކެއް ބަލަމުންނެވެ. އެއީ ފުލުހުންނާ ބޭއަދަބީ ގޮތަކަށް މުހާތަބުކޮށް ފުލުހުންގެ މުއައްސަސާގެ އަގުވެއްޓޭ ގޮތަށް ހަނީފާ އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ވައްކަމުގެ ބޮޑު މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ފުލުހުންގެ ތަހުގީގީ ޖަލު އަތޮޅުވެއްސަށް ގޮސް، ފުލުހުންނާ ދިމާލަށް "މަނީ، މަނީ" އަށް ހަނީފާ ގޮވި ކަމަށްވެ އެވެ. ދިފާއީ ވަކީލެއްގެ ގޮތުގައި އަތޮޅުވެއްސަށް ހަނީފާ ދިޔައީ ރިލެކްސްއިން ހޮޓަލުގެ ތިޖޫރީން 122،000 ޑޮލަރު (1.88 މިލިއަން ރުފިޔާ) ވަގަށް ނެގި މައްސަލާގައި ދިފާއީ ވަކީލެއްގެ ހައިސިއްޔަތުންނެވެ.