13 Aug 2013, 18:30
ރާއްޖޭގެ ކިޔަވާ ކުދިންނަށާއި އާއްމުން މަތީ ތައުލީމުގެ ފުރުސަތުތަކަށް ހޭލުންތެރިކޮށް އެކަމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގްލޯނެޓު ޕްރައިވެޓު ލިމިޓެޑުގެ ފަރާތުން އަހަރަކު ދެ ފަހަރު ބާއްވަމުންގެންދާ ތައުލީމީ ފެއާ، ޔުނިވާސިޓީ އެޑިއުކޭޝަން ފެއާ (ޔޫއީއެފް)ގެ 13 ވަނަ ފެއާ މިއަދު ފަށައިފި އެވެ.
ގްލޯ ނެޓުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ނަސީމް އަހްމަދު ވިދާޅުވީ މިއަދާއި މާދަމާ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބާއްވާ ފެއާގައި 19 ޔުނިވަސިޓީއަކުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން ރާއްޖެ އިން ބޭރުން 17 ޔުނިވާސިޓީ/ކޮލެޖް އަކާއި ރާއްޖޭގެ ވިލާ ކޮލެޖް އަދި ސައިރިކްސް ކޮލެޖް ބައިވެރިވާނެ ކަމަށް ގްލޯ ނެޓުން މައުލޫމާތުދެ އެވެ.
ގްލޯ ނެޓުން ބުނީ މި އަހަރުގެ ފެއާގައިވެސް ގިނައިން ބައިވެރިވެފައި ވަނީ މެލޭޝިއާގެ ޔުނިވާސިޓީތަކުން ކަމަށެވެ. އެގޮތުން މި އަހަރުގެ ފެއާގައި މެލޭޝިއާގެ ޔުނިވާސިޓީތަކުގެ ތެރެއިން އޭޝިއާ ޕެސިފިކް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އޭޕީޔޫ) އާއި ސަންވޭ އާއި އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ އާއި ކޭޑީޔޫ ޔުނިވާސިޓީ ބައިވެރިވާނެ ކަމަށް ގްލޯ ނެޓުން މައުލޫމާތު ދިނެވެ. އަދި މީގެ އިތުރުން ސްރީލަންކާގެ އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (އޭޕީއައިއައިޓީ) އާއި ސިންގަޕޫރްގެ އިންސްވޯލްޑް އިންސްޓިޓިއުޓް އަދި ނޭޕާލްގެ ނޯބެލް މެޑިކަލް ކޮލެޖް ބައިވާރެ ކަމަށްވެސް ގްލޯނެޓުން މައުލޫމާތު ދިނެވެ.
ގްލޯ ނެޓުން އިތުރަށް ބުނީ މިއަދު ހުޅުވި ފެއާގައިި 10 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ ޓިއުޝަންފީގެ ޑިސްކައުންޓެއް ވެސް ލިބިގެންދާނެ ކަމަށާއި "ހައި އެޗީވާސް ސްކޮލޮޝިޕް"ގެ ނަމުގައި ބައެއް ޔުނިވާސިޓީތަކުން 50 ޕަސެންޓާ ހަމައަށް ސްކޮލޮޝިޕް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ފެއާގައި ވެސް ސެމިނާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ލޯ އާއި އިންޖިނިއަރިން ޕްރޮގްރާމް އާއި މަލްޓި ކްރިކިއުލޭޝަން ޕްރޮގްރާމް އާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ ކަމަށް ގްލޯ ނެޓުން މައުލޫމާތު ދިނެވެ.
ގްލޯނެޓުން ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައި ވެސް ޔުނިވާސިޓީ އެޑިއުކޭޝަން ފެއާއެއް ދަރުބާރުގޭގައި ބާއްވާފަ އެވެ. އެފެއާއަށް ވަނީ 2200 އަށް ވުރެ މީހުން ޒިޔާރަތްކޮށްފަ އެވެ.