13 Aug 2013, 18:01
އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންސްގެ ހެޑް ހަނީފާ ހާލިދު ރިޔާސީ އިންތިހާބާ ގުޅުން ހުރި ހުރިހާ މަސައްކަތަކުން ދުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ ހަނީފާއާ ގުޅޭ ގޮތުން މިހާރު ހުށަހެޅިފައިވާ މައްސަލަތައް ނިމެންދެން އޭނާ ވަނީ ރިޔާސީ އިންތިހާބާ ގުޅުން ހުރި ހުރިހާ މަސައްކަތްތަަކުން ދުރުކޮށްފައި ކަމަށެވެ.
"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންގެ ހެޑް ހަނީފާ ހާލިދު އާ ގުޅޭ ގޮތުން ވަނީ މައްސަލަތަކެއް ހުށަހެޅިފައި، އެހެންކަމުން އެ މައްސަލަތައް ބަލައި ނިމެންދެން އޭނާ ވަނީ އިންތިހާބާ ގުޅުން ހުރި ހުރިހާ މަސައްކަތަކުން ދުރުކޮށްފައި. ހަނީފާ ރިޔާސީ އިންތިހާބާ ގުޅުން ހުރި އެއްވެސް ކަމެއްގައެއް ނޫޅޭނެ،" ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒް ވިދާޅުވީ ހަނީފާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ނިންމުމަށް ފަހު ހަނީފާއާ ދޭތެރޭ އަޅާ ފިޔަވަޅު މީޑިއާ އާ ހިއްސާ ކުރާނޭ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން އިން ގާއިމްކޮށްފައިވާ ގައުމީ ކޮންޕްލައިންސް ބިޔުރޯގައި ހަނީފާ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅޭ ގޮތުން އެ ކޮމިޝަންގެ މެންބަރު އަލިމަނިކު ވިދާޅުވީ ހަނީފާ އެއްވެސް އިރެއްގައި ކޮންޕްލައިން ބިޔުރޯގައި މަސައްކަތް ނުކުރާ ކަމަށެވެ. އަދި އޭނާ އަކީ އެއްވެސް އިރެއްގައި އެ ބިޔުރޯގެ ހެޑްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެއް ނޫން ކަމަށް އަލިމަނިކް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންގެ ހެޑް ހަނީފާއާ ގުޅޭ ގޮތުން ވަނީ ގިނަ ޝަކުވާތަކެއް ހުށަހެޅިފަ އެވެ. އެގޮތުން އޭނާ ފުލުހުންގެ މުއައްސަސާގެ އަގުވެއްޓޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ސުލޫކީ މައްސަލައެއް ފުލުސް އޮފީހުން އެޓާނީ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކުރި މީހެއްގެ ވަކީލެއްގެ ގޮތުގައި ހަނީފާ، ފުލުހުންގެ ތަހުގީގީ އިދާރާއަކަށް ގޮސް އޭނާގެ ކްލައިންޓްގެ ދިފާއުގައި ވާހަކަ ދައްކަވަމުން ފުލުހުންނާ ދިމާލަށް "މަނީ، މަނީ" އޭ ގޮވި އެވެ.
ހަނީފާއާ ގުޅޭ ގޮތުން ޕީޕީއެމް އިން ވެސް ވަނީ މައްސަލަތަކެއް ހުށަހަޅައިފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގޮތުން ވަރަށް ބޭއަދަބީ ގޮތަކަށް ހަނީފާ ޓުވިޓްކޮށްފައިވާ ކަމަށެވެ. އަދި އެނޫން ވެސް ވަރަށް ގިނަ ޝަކުވާތައް ހަނީފާއާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުން ދަނީ ކުރަމުންނެވެ.ޮ
ޕީޕީއެމް އިން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސާއެއްގެ އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ ދަށު ދަރަޖައަށް ވެއްޓުމުން އެންމެ އިރުކޮޅަކު ވެސް މަގާމުގައި ހުރެވިގެން ނުވާނެ ކަމަށެވެ.
އިލެކްޝަންސްގެ ގަވާއިދު ބުނާ ގޮތުން އެ ކޮމިޝަންގެ މުވައްޒަފަކު އިތުރު އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ އެވެ. އެ ކޮމިޝަންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލު ވަކިކުރީ އެތްލިޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމަށް ހޮވުމުންނެވެ.
ހަނީފާއާ ދޭތެރޭ އެ އުސޫލުން އަމަލުނުކުރަނީ ކީއްވެތޯ ދެންނެވުމުން ނާއިބު ރައީސް ވިދާޅުވީ "ހަނީފާގެ މައްސަލަ ބަލައި ނިމުމުން އޭނާއާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ" ކަމަށެވެ.