13 Aug 2013, 17:22
ދެ މީހަކު ވެގެން ހެންވޭރު ގެއެއްގެ އިމާރާތެއްގައި ހިންގާ އޮފީހަކުން ލައްކައެއްހާ ރުފިޔާގެ ތަކެތި ވަގަނށް ނަގައި، އެ އޮފީހުގައި އަލިފާން ރޯކޮށްލި ވީޑިއޯއާއެކު މައްސަލާގެ ތަފްސީލު ފުލުހުން އާންމުކޮށްފި އެވެ.
މި މަހުގެ ދެ ވަނަ ދުވަހު ހ. ލަންޗްމީޑްގެ ހަ ވަނަ ބުރީގައި ހިންގާ ޔޫމެޓް ކޮންސްޓްރަކްޝަންސް އޮފީހުން ކުރި ވައްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީ ފޭދޫ ނަލަރީތިގެ، މުޙައްމަދު އައިމަން 26، އާއި އައްޑޫ ސިޓީ ހުޅުދޫ ރައިހާނުގެ ޝިމްތާން އަލީ 26، އެވެ.
މައްސަލާގެ ތަފްސީލު ހާމަކުރައްވަމުން ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ އޮފީހުން ވަގަށް ނަގާފައިވާ ކަަމަށް ބެލެވޭ ތަކެތި ވިއްކުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ. އެތަކެތި ވިއްކަން އެ މީހުން ތިބީ މާލޭ ނީލަން ފިހާރަ ކައިރީގައި ކަމަށާއި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މީހުން ގެންގުޅުނު ދަބަސްތަކާއި ފޮށިގަނޑުތައް ބަލައި ފާސްކުރިކުރުމުން ޔޫމެޓް ކޮންސްޓްރަކްޝަންސްއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޕްޓޮޕާއި ކަރަންޓް ނަރުރޯލްތަކަކާއި، އަދިވެސް އިތުރު އިލެކްޓްރޯނިކްސް ސާމާނުތަކެއް ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.
ޔޫމެޓް ކޮންސްޓްރަކްޝަންސް އޮފީހުން ވަގަށް ނެގި ތަކެއްޗާއި އަދި އެތަނުގައި ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުން 1.2 މިލިއަން ރުފިޔާއަށްވުރެ މައްޗަށްދާނެ ކަމަށް އެ އޮފީހުން އަންދާޒާ ކުރެވޭ ކަމަށް ދާޢޫދު ވިދާޅުވި އެވެ.
އެ މައްސަލާގެ ތަފްސީލު ފުލުހުން ހާމަކޮށް، ދެ މީހަކު ވެގެން ވައްކަންކޮށް ރޯކޮށްލި މަންޒަރު ދައްކުވައިދޭ ވީޑިއޯ:
http://www.youtube.com/watch?v=hU8M8gUM2-s