ކޮރެއާގެ އެންމެ މަޝްހޫރު ދެ ފިލްމީ ތަރިން ކަމަށްވާ ލި ބިޔަން ހަން އާއި ލި މިންޖަން ކައިވެންޏަށްފަހު ހަނީމޫންއަށް ރާއްޖެ އަތުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ދެތަރިން ކައިވެނި ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކޮރެއާގެ ވެރިރަށް ސޯލްގެ ގްރޭންޑް ހަޔަޓޭ ހޮޓެލްގައެ އެވެ.

ކައިވެނީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ލި ބިޔަން ހަން ބުނީ، އެ ދެމީހުންގެ ކައިވެންޏަށްފަހު ހަނީމޫން ހަދަން ނިންމާފައިވަނީ ރާއްޖޭގައި ކަމަށެވެ.

ލި ބިޔަން ހަން ބުނީ، އޭނާ ބޭނުންވާ ވަރަށް ކައިވެންޏަށް ތައްޔާރުވެފައި ނުވާކަމަށާއި އެގޮތަށް ދިމާވީ، އޭނާ މަސައްކަތްކޮށްފައިވާ އެންމެ ފަހުގެ ހޮލީވުޑް ކޮމެޑީ ބްލޮކްބަސްޓަ "ރެޑް 2" ޕްރޮމޯޓް ކުރުމަށް ވަގުތު ދިނުމާއި މިހާރު ރިލީޒް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ފިލުމުގެ މަސައްކަތުގައި މާ ބުރަކޮށް އުޅެން ޖެހުމުން ކަމަށެވެ.

މިފަހަކަށް އައިސް ކޮރެއާގެ ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންނާއި، މުއްސަނދި މަހުޖަނުން ހަނީމޫން ހޭދަކޮށްލުމަށާއި އަދި ޗުއްޓީހޭދަކޮށްލުމަށްވެސް ރާއްޖެއަށް ޒިޔާރަތް ކުރަމުންގެންދެ އެވެ. ރިޕޯޓްތައް ބުނާގޮތުން ކޮރެއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ ވަރަށް މަޝްހޫރު "ރޮމޭންޓިކް" މަންޒިލެކެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮރެއާގެ ގަރުނުގެ ބޮޑު ކައިވެނީގެ ގޮތުގައި ކައިވެނިކުރި ދެމަފިރިން ރާއްޖެއަންނާނީ އިއްޔެ ނުވަތަ މިއަދުގެ ވަގުތެއްގަ އެވެ.