އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) 1000 ޑޮލަރު (15420 ރުފިޔާ) އިން ޖޫރިމަނާކޮށްފި އެވެ.

އޭއެފްސީ ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ޖޫރިމަނާ ކުރަންޖެހުނީ މިދިޔަ ޖޫން މަހުގެ 25 އާއި 27 ވަނަ ދުވަހު ގަތަރުގެ އަންހެން ޓީމާއި ރާއްޖޭގެ އަންހެން ޓީމް ބައްދަލުކުރި ދެ މެޗުގެ މެޗު ރިޕޯޓް އޭއެފްސީ އަށް ފޮނުވާފައިނުވާތީ އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ބޭއްވި އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީން ރާއްޖެ ޖޫރިމަނާ ކުރި ގޮތާބެހޭ ގޮތުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ ޖޫޜިމަނާއަކީ އޭއެފްސީގެ ގަވާއިދުގެ ފަސް ވަނަ މާއްދާއާ ހިލާފުވެފައިވާތީވެ ކުރި ޖޫރިމަނާއެއް ކަމަށާއި އެ ޖޫރިމަނާ 10 ދުވަސް ތެރޭގައި އޭއެފްސީ އަށް ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ މިކަން ރާއްޖޭގެ އެފްއޭއެމް އަށް އަންގާފައި ވާނޭ ކަމަށާއި އެކަން ދެން ތަކުރާރު ކޮށްފި ނަމަ އިތުރު ފިޔަވަޅުތަކެއް އެފްއޭއެމްއާ މެދު އަޅާނެ ކަމަށެވެ.


ގަތަރާ އެކު ރާއްޖެ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ވެސް ރާއްޖެ 1-0 ލަނޑުން މޮޅުވި އިރު، ދެ ވަނަ މެޗުގައި ގަތަރު އަތުން ރާއްޖެ މޮޅުވީ 3-0 ލަނޑުން ނެވެ.