ފުލުހުންގެ ލާބަޔަށްޓަކައި އުފައްދާފައިވާ ޕޮލިސް ކޯޕަރޭޓިވް އިން ދޭ ފުރަތަމަ ހައްޖު ދަތުރު ދޭނެ ފުލުހެއް މިއަދު ގުރުއަތުން ހޮވައިފި އެވެ.

އިސްކަންދަރު ކޮށީގައި ހުންނަ ޕޮލިސް ޝޮޕްގައި މިއަދު ބޭއްވި ގުރުއަތުލުމުން ހައްޖު ދަތުރަށް ހޮވުނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ލާންސް ކޯޕްރަލް އަލީ ޝަރީފެވެ. އޭނާ އަކީ ޕޮލިސް ކޯޕަރޭޓިވް އިން 30 ހިއްސާ ގަނެފައިވާ ފުލުހެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

ގުރުއަތުލުމަށް ޓަކައި ޕޮލިސް ޝޮޕްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ޕްރޮފެޝަނަލް ސްޓޭންޑާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހަމަދު މުހައްމަދާއި ފުލުހުންގެ ބައެއް އިސްވެރިން ބައިވެރިވެޑައިގެންނެވި އެވެ. ރަސްމިއްޔާތުގައި ގުރުއަތު ނަގައިދިނީ ޕޮލިސް ފެމިލީގެ ކުޑަ ކުއްޖެކެވެ.

ޕޮލިސް ކޯޕަރޭޓިވްގެ ހިއްސާދާރުންގެ މެދުގައި ގުރުއަތުލައި، ގުރުއަތުން ހޮވޭ ފުލުހަކަށް ހައްޖު ދަތުރެއް ދިނުމަށް އެކޯޕަރޭޓިވްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިއަހަރުގެ ޖޫންމަހު އެވެ.

ޕޮލިސް ކޯޓަރޭޓިވް އުފެއްދީ ފުލުހުންގެ ވެލްފެއާގެ ކަންކަމުގައި އެހީތެރިވެ ދިނުމަށް ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.